07 Oct 2020, 22:27
މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ކަމަށް ބުނާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ ތެރޭގައި އަދިވެސް ކުރިއަށް ދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ފައްޔާޒް މާގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި، އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ އޯގަސްޓް މަހުއެވެ.
އެ ދުވަސްވަރު މަޖިލީހުގެ ތެރެއިން ފަައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ވެސް މަސައްކަތްް ފެއްޓެވި އެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
މިރޭ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ނުގެންދާ ކަމަށެވެ.
"މަޖިލީހަކުން ތިބާވަތުގެ މަސައްކަތެއް ހިނގާފައެއް ނުވޭ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމަށް 10 މެމްބަރުން ސޮއިކޮށްފައި ހުށަހެޅީމާ މަޖިލީހުގެ ތަޅުމުގައި އެކަން އިންތިޒާމްވެގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަސައްކަތްތަކެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ މެމްބަރުންނާ ގުޅޭގޮތުންނާއި އަދި ވަޒީރުންނާއި ގުޅޭގޮތުން، ޕާޓީގެ އެތެރޭގެ މަޝްވަރާކޮށް، މަޝްވަރާއާ އެއްގޮތަށް އަބަދުވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ތެރޭގައި ވަރަށް ބަހުސްވެސް ގިނަވާނެ ކަމަށް ވިދާޅުވިއެވެ.
"ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،" ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް މިރޭ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ ދެ ކަމެއް އޮންނަ ކަމަށާއި، އެއީ ޖަލުތަކުގެ އަނިޔާ ހުއްޓުވުމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. ނަޝީދު ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަން ނެތިގެން ކަމަށެވެ.
"ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކަންކަން ހިނގަން ފެށީމާ، ޕާޓީ އެކަންކަމާ އަޑު އުފުލާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑަކަށް މީގެ އިތުރަކަށް މި ޕޯޑިއަމްގައި ހުރެ އިތުރު ޖަވާބެއް ނެތް އެރުވޭކަށް،" ރަައީސް ނަޝީދު ވިދާޅުވިއެވެ.
އޯގަސްޓް މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ފައްޔާޒް މަގާމުން ދުރުކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި އޮތީ ހިޔާލު ތަފާތުވެފަ އެވެ. މީގެ ކުރިން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވިދާޅުވި އެވެ.