01:20 މިރޭ އިތުރަށް ދެން މުޒާހަރާ ކުރިއަށްނުގެންދާނެ ކަމަށް މަޚުލޫފް ވިދާޅުވެއްޖެ. މަޚުލޫފް ވިދާޅުވީ މުޒާހަރާ ދެން ކުރިއަށް ގެންދާނީ މާދަމާ ކަމަށް.

01:19 ހައްޔަރު ކުރި މީހުންގެ ތެރޭ ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން ހިމެނޭ.

01:14 މުޒާހަރާ ރޫޅާލުމަށްފަހު ފުލުހުންދަނީ ބައެއް މީހުން ހައްޔަރު ކުރަމުން.

01:09 މުޒާހަރާ ވަނީ ރޫޅާލާފައި އެމްއެމްއޭ ހިސާބުގެ ގޯޅިތަކުގެ ތެރެއިން ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައި. އަދިވެސް އެކި ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވަމުންދޭ.

01:03 އެމްއެމްއޭ ކައިރިން މީހުންތައް ފަހާލުމުން ދުވެފައި ގޮސް މީހުން ވަން ގޯޅިތަކަށް ޕެޕާ ސްޕްރޭ ޖަހަމުން އެބަދޭ. އެކަކު ހައްޔަރުކޮށްފި. މީހުންގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހަމުން އެބަދޭ. މުޒާހަރާ ވަނީ މުޅިންހެން ރޫޅާލާފައި.

00:59 މަސްމާރުކޭޓް ސަރަހައްދަށް މުޒާހަރާގެ ބައިވެރިވެރިން އެއްވެފައި ވަނިކޮށް ފުލުހުން އެދިމާއިން ވަދެ އިންޒާރުދީ އެ ސަރަހައްދުން ފަހަތަށް ޖައްސަން ފަށައިފި. މުޒާހަރާގެ ބައިވެރިން ވަނީ އެކި ހިސާބުތަކަށް ބައިބައިވެފައި.

00:53 މުޒާހަރާގެ ބައިބެރިން މިހާރު އަނެއްކާވެސް ވަނީ އެމްއެމްއޭ ސަރަހަދައް އެއްވެފައެވެ. ދާދި ދެންމެއަކުވަނީ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިސާބަކަށް ހަމަނުޖެހުންތައް ވެސް ހިނގާފައި.

00:48 ސަލްޓާންޕާކް ކުރިމަތިން އެކަކު ހައްޔަރުކޮށްފި.

00:46 މުޒާހަރާގެ ބައިވެރިން އިސްލާމިކް މަރުކަޒު ސަރަހައްދުން ދުރަށް ޖެއްސުމުން މިހާރު ވަނީ ޗާންދަނީ މަގާދިމާލަށް އަނެއްކާ ވެސް މިސްރާބު ޖަހާފައި.

http://sun.mv/albums/live_3282.jpg
00:45 ރަޔަޓްގިޔަރުގައި ތިބި ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން ފައްސަމުން.

00:43 މީޑީއާގެ ފަރާތްތައް ތިބީ ފުލުހުންގެ ފައުޖުގެ ފަހަތުގައި.

00:42 ޖުމްހޫރީ މައިދާނަށް ނުނިކުމެވޭ ގޮތަށް ފުލުހުންގެ ފައުޖުތައް އެތުރިފައިވާތީ ހަމަނުޖެހުން އެބަހިނގާ.

00:41 މުޒާހަރާގެ ބައިވރިން މިހާރު ދަނީ ޖުމްހޫރީ މައިދާނަށް އެއްވަމުން.

00:39 ލީލީމަގުން ސަލްޓަންޕާކް ތެރެއަށް ވަދެގެން މުލިއާގެއާ ދިމާލަށް ދިއުމަށް މުޒާހަރާގެ ބައިވެރިން ދަނީ މަސައްކަތް ކުރަމުން. މުލިއާގެއާވީ ސަރަހައްދު ވަނީ އަސްކަރީ ސިފައިން ވަށާލާފައި.

00:36 މުޒާހަރާގެ ބައިވެރިންގެ މިސްރާބު މިހާރު ހުރީ މަޖީދީމަގުން އިރަށް މުލިއާގޭ ހުންނަ އަލިކިލޭގެފާނުގެ މަގަށް މިސްރާބު ޖަހާފައި. ފުލުހުންގެ އެއްވެސް އިޝާރާތެއް އަދި ނެތް. ބައިވެރިން ހިނގަމުންދާއިރު ދަނީ ފެންފޯއްރުއްތައް އުފުރަމުން.

00:21 ޒުހެއިރުގެ އިސްތިއުފާއަށާއި ހައްޔަރުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވުމަށްފަހު އެ ސަރަހައްދުން މިހާރު ވަނީ އެހެންދިމާލަކަށް މިސްރާބު ޖަހާފައި. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ކޮންދިމާލަކަށް ކަމެއް އަދި ސާފެއްނުވޭ.

00:17 މުޒާހަރާގެ ބައިވެރިން މިހާރު އެއްވެ އަޑުއުފުލަމުން ދަނީ މާވެޔޮމަގު، ވާދީފުރެޝް ކުރިމަތީ އޮންނަގޯޅިގައި ހުންނަ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރުގެ ގޭ ދޮށުގައި.

00:10 މުޒާހަރާގެ ބައިވެރިން ހޯމް މިނިސްޓަރު ހަސަން އަފީފްގޭ ދޮށަށް އެއްވެ ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވުމަށްފަހު މިހާރު މިސްރާބު ޖަހާފައި ވަނީ ޗާންދަނީ މަގު ޖަންގްޝަން މައިދާނާ ދިމާލަށް. ފުލުހުންގެ ފައުޖެއް ހޯމް މިނިސްޓަރުގެ ގޭދޮށުގައި ރަޔަޓްގިޔަރުގައި އެބަތިބި.

23:58 ފަސީހުގެ ގޭގެ ކައިރީގައި އިސްތިއުފާއަށް ގޮވުމަށްފަހު މިހާރު އެނބުރި ޖަސްޓިސް ބިލްޑިންގާ ހަމައިގައި. ފަސީހުގެ ގޭގެ ކައިރިން ނައްޓާލީ ފުލުހުންގެ ފައުޖެއް އައުމުން. ދެމެދުގައި ހަމަނުޖެހުމެއް ނުހިނގާ.

http://sun.mv/albums/live_3278.jpg
23:56 އެމްޑީޕީ ހަރުގެއިން:
ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މަގާމުން ވަކި ކުރުމަށް ގޮވަލާ ޕެޓިޝަނެއްގައި ސޮއިކުރުން މާދަމާ ރޭ އެމްޑީޕީ ހަރުގޭގައި ބާއްވާނެ ކަމަށް ހަރުގެ ޖަލްސާގައި ރީކޯ މޫސާ މަނިކު އިއުލާން ކުރައްވައިފި.

23:54 ކޮމިޝަނާ އޮފް ޕޮލިސް ފަސީހުގެ ގޭގެ ކައިރިއަށް އެއްވެ އިސްތިއުފާއަށް ގޮވާލަން ފަށައިފި.

23:48 ފުލުހުން ތިބީ ދުރުގައި މަޑުކޮށްލައިގެން. މުޒާހަރާގެ ބައިވެރިން ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވުމަށްފަހު ކުރިޔަށް މިސްރާބު ޖަހައިފި. ބުނަނީ ޕޮލިސް ކޮމިޝަނަރު ފަސީހުގެ ގެއާ ދިމާލަށް ކަމަށް/

23:46 މުޒާހަރާގެ ބައިވެރިން ޗާންދާނީ މަގުން ގޮސް ހޯމް މިނިސްޓަރު އަފީފު ދިރިއުޅުއްވާ ގޭގެ ކައިރިގައި މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާން ފަށައިފި. އެހިސާބަށް ގޮސްފައި ވަނީ އެ މަގުގައި ހުރި ރުއްތައް ވެސް ބިންދަމުން. މިހާރު އެދިމާއަށް ފުލުހުން ވެސް އަންނަމުން އެބަދޭ.

http://sun.mv/albums/live_3269.jpg
23:40 މުޒަހަރާގެ ބައިވެރިން އެމްއެމްއޭ ކައިރިން އެހެން ދިމާއަކަށް މިސްރާބު ޖަހައިފި. އިސްވެ ހުންނެވީ ނިހާން، އެންމެން ވެސް މިހާރު ވަނީ ޗާންދަނީ މަގަށް ނުކުމެފައި. ބައެއް މީހުން ބުނަނީ ދެން އެއްވާނީ މަޖީދީ މަހާ ޗާންދަނީ މަގު ގުޅޭ ކަންމައްޗަށް ކަމަށް.

23:34 މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅު މެންބަރުންގެ ލީޑު ކުރަމުންދާ މުޒާހަރާއާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރާއި ހޯމް މިިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުން ދަނީ. މުޒާހަރާ ކުރާ މީހުން ވެސް ދަނީ ހަރު އަޑުން ޝުއޫރު ފާޅު ކުރަމުން.

23:32 އިސް ގާޒީއާއި އޭނާގެ އަނބި ކަނބަލުންނާއި ތިން ބޭފުޅުންނަށް ވެސް އިސް ގާޒީ ހުންނެވި ތަނެއް ނޭނގޭ ކަމަށާއި މިއަދާ މިރޭ ކުރި މަސައްކަތުން ވެސް އެކަން ކަން ސިފައިން ސާފުކޮށްދީފައިނުވާ ކަމަށް އޭނާގެ ވަކީލު ރިޒާ ވިދާޅުވެއްޖެ. އަދި ވިދާޅުވީ ސިފައިން ވަނީ އަބްދުﷲ އަށް ލިބޭ ގާނޫނީ ހުރިހާ ހައްގެއް ނިގުޅައިގެންފައި.

23:28 މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފުސީލު ހާމަކޮށްފި. އޭގައި ބުނަނީ މައްސަލަ ހުށަހެޅީ އަބްދުﷲ ގާޒީއަށް ސިފައިން އަނިޔާކޮށްފައިވާ ކަމަށައި އޭގެ ސަބަބުން އިސް ގާޒީގެ ހޭފުޅު ނެތުނު ކަމަށް ބުނާ ވާހަކަތަކާއި އަދި އަބްދުﷲ ގާޒީ ހުންނެވި ތަނެއް ސާފުކޮށް ދިނުމަށް އެދިފައިވާ ކަމަށް. އެކަންކަން ސާފު ނުވަނީ މުޒާރާ ކުރުން ހުއްޓާ ނުލާނެ ކަމަށް. ފުލުހުން އެ މައްސަލަ ވަނީ ބަލައިގެން ފައި.

23:26 ޕާލަމެންޓްގައި ހިމެނޭ ވަރަށް ގިނަ މެންބަރު ވަނީ މުޒާހަރާއާ ގުޅިފައި. މިވަގުތު މުޒާހަރާ ލީޑް ކުރަނީ ނިހާން، އަދި ވަރަށް ގިނަ އާންމުން ވަނީ މުޒާހަރާއާ ގުޅިފައި އެންމެން އެއް އަޑުން ގޮވަމުން ދަނީ އަބްދުﷲ ގާޒީ ހުރި ތަނެއް ބުނުމަށް. އަދި އެހެން ނޫންނަމަ ގުޑައިވެސް ނުލާނެ ކަމަށް.

23:07 މުޒާހަރާގެ ބައިވެރިން ފުލުހުންނަށް މައްސަލައެއް ހުށަހަޅަން ނިންމައި ޕީޕީއެމްގެ ނާޒިމް އިސްވެ ހުރެގެން ފުލުސް އޮފީހަށް ހިނގައްޖެ. މި މައްސަލައަކީ އަބްދުﷲ ގާޒީ ހުރިތަނެއް ސާފުކުރަން ހުށަހަޅާ މައްސަލައެއް ކަމަށް ބުނޭ. އަދި ތަފުސީލެއް ނުލިބޭ.

22:59 ޕްރޮސެކިއުޓާ ޖެނެރަލް އަބުދުﷲ މުޢިއްޒު މަގާމުން ވަކި ކުރުމަށް ޕެޓިޝަނެއް ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ހުށަހެޅުމަށް މަސައްކަތް ކުރާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ.

22:44 ފުލުހުންގެ އަޑުގަދަ ކުރާއިން އިންޒާރު ދޭން ފެށުމުން މުޒާހަރާ ކުރާ މީހުން އަޑުގަދަކުރާތީ ބޮޑު ލޯރިއެއްގައި އިތުރު އަޑުގަދަ ކުރާތައް ގެނެސްގެން އިންޒާރު ދޭން ފަށައިފި. ފުލުހުން ބުނަނީ މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ކޮށްފިނަމަ މުޒާހަރާ ރޫޅައިލާނެ ކަމަށް. އަދި ފިޔަވަޅު ވެސް އަޅާނެ ކަމަށް.

22:36 މުޒާހަރާ ކުރާ މީހުން އެމްއެމްއޭ ސަރަހައްދުގައި ޝުއޫރު ފާޅު ކުރުން އިތުރުކޮށް އިތުރަށް މީހުން ޖަމާކޮށްފި. ފުލުހުން ގޮވާލަމުން ދަނީ ހަމަނުޖެހުމެއް ހިންގައިފިނަމަ ބާރުގެ ބޭނުންކޮށް ފިޔަވަޅު އަޅާނެ ކަމަށް.

http://sun.mv/albums/live_3270.jpg
22:32 އެމްޑީޕީގެ ހަރުގެ:
އެމްޑީޕީގެ މައިހަރުގެގެ ޖަލްސާ ދެންމެއަކު ފަށައިފި. ޖަލްސާގައި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވެސް ބައިވެރިވެ ވަޑައިގަންނަވާ.

22:12 ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން:
މިރޭ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅި ކަންކަތައްތައް ރައްދު ވަނީ 241 ކޮމެޓީއަށް ކަމަށްވާތީ އެކަންތައްތައް ގައުމީ ސަލާމަތުގެ ކޮމެޓީން ނުބެލޭނެ ކަމަށް ކައުންސިލް ޖެނެރަލް ލަފައްދެއްވުމުން މިރޭ ކުރިޔަށް ގެންދިޔަ ބައްދަވުން ކުރިޔަށް ނުގެންގޮސް ނިންމާލައިފި. ކައުންސިލް ޖެނެރަލް ލަފާ ދެއްވާފައި ވަނީ މައްސަލަ ހުށަހަޅާފައިވާ ގޮތަށް އެ މައްސަލަ ބެލޭނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ) އަށް ކަމަށް. އެކަމަކު އިބާރާތް ބަދަލު ކޮށްގެން ގައުމީ ސަލާމަތުގެ ކޮމެޓީގައި ވެސް މައްސަލަ ބެލިދާނެ ކަމަށް. ކޮމިޓީ ނުބާއްވާ ގޮތަށް ނިންމާލި އިރު މެމްބަރުންގެ ހުށަހެޅުންތަކުގެ ތެރޭގައި ހޯމް މިނިސްޓަރު ހަސަން އަފީފް އާއި ޑިފެންސް މިނިސްޓަރު ފަސީހު އާއި ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ކޮމިޓީ އަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައި.

22:12 އަދާލަތު ޕާޓީގެ ބައްދަލުވުން:
ރާއްޖޭގެ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކޮމެޓީއެއް އަދާލަތު ޕާޓީން އެކުލަވާލައިފި އެވެ. އެއީ ގާނޫނު އަސާސީ އާއި އަދާލަތު ޕާޓީގެ ދުސްތޫރާ ޚިލާފުނުވާ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އަދާލަތު ޕާޓީގެ ރައީސް އިސްކޮށް ހުންނަވާ ހަތް މެމްބަރުންގެ މައްޗަށް އެކުލަވާލި ކޮމެޓީއެކެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މިރޭ އެކުލަވާލި ހަތް މެމްބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޝެއިޚް އިލްޔާސް ހުސެއިނާއި ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދާއި، މުހައްމަދު އަހުމަދާއި، މުހައްމަދު މުއްތޮލިބާއި ހުސެއިން ވަފީރުގެ އިތުރުން އަސަދުﷲ ޝާފީއީ އެވެ.



21:58 ކްރިމިނަލް ކޯޓްގެ ހުކުމްގައި ފާހަގަ ކުރި ނުކުތާތައް:
ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ދެފަހަރަށް ހައްޔަރުކުރި އިރު ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމާއި ތުމަތު ކުރެވޭ ފަރާތަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ސާބިތު ކޮށްދެވިފައި ނުވުމާއި ހެބިއަސް ކޯޕަސްގެ އަމުރެއްގެ ދަށުން މީހަކު ދޫކޮށްފައި ވަނިކޮށް އެކުށުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ހައްޔަރު ކުރާނަމަ ކޯޓް އަމުރަކުން ނޫނީ ހައްޔަރު ނުކުރެވޭނެ ކަމާއި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާގެ ދަށުން ކަމަށް ބުނާއިރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 66 ވަނަ މާއްދާ ގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކަށް ބަލާއިރު ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާ އަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ފުށު އަރާ މާއްދާއެއް ކަމަށް ބުނެފައިވޭ މި އަމުރާ ގުޅިގެން ފުލުހުން ވަނީ ޑރ. ޖަމީލު މިހާރު މިނިވަން ކޮށްފައި.

http://sun.mv/albums/live_3264.jpg

21:42 ޑރ. ޖަމީލު ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި.

ކްރިމިނަލް ކޯޓްގެ ހުކުމް:
ކްރިމިނަލް ކޯޓްގެ އަމުރުގައި ބުނަނީ ޑރ. މުހައްމަދު ޖަމީލު ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ގާޒިންގެ އިއްތިފާގުން ކަނޑައަޅާއި ޑރ. ޖަމީލު ވަގުތުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.


21:41 (ދިޓީވީން): އިސް ގާޒީގެ އާއިލާއާ ބުނަނީ އިސް ގާޒީ ހުންނެވި ތަނެއް އާއިލާއަށް ވެސް އަންގާފައި ނުވާ ކަމަށް. އޭނާގެ ވަކީލު ރިޒާއަށް ވެސް އިސް ގާޒީ ހުންނެވި ތަނެއް އެނގިވަޑައެއް ނުގަންނަވާ

21:25 ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް 9:30 ގައި ވޯޓަށް އެހުމަށް ކޮމެޓީ މެދު ކަނޑާލައިފި.

ގައުމީ ސަލާމަތުގެ ކޮމެޓީ: މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އާއި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އާއިމަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އާއި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އާއިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ

21:16 ކޮމެޓީގައި މިހާރު ވާހަކަފުޅު ދައްކަވަނީ އެންމެ ފަހު މެންބަރު، ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި ވޯޓަށް އެހުމުގެ ކުރިން ކުޑައިރުކޮޅަކަށް މެދު ކަނޑާލާނެ އެއީ ކައުންސިލް ޖެނެރަލް ، ކޮމެޓީގެ މުގައްރރާ ބައްދަލު ކޮށްލެއްވުމަށް.

21:12 ގައުމީ ސަލާމާތީ ކޮމެޓީގެ މެންބަރުންގެ މެދުގައި ފޯރި ގަދަވެ ބަހުގެ ހަމަލާތައް ވެސް ދެމުން އެބަގެންދަވާ. ޒުވާބު ގަދަވެ، އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބު ކުރަނީ. ކުޑައިރުކޮޅެއްގެ ތެރޭގައި ކޮމެޓީގައި ވޯޓަށް އަހާނެ،

21:09 ގައުމީ ސަލާމަތުގެ ކޮމެޓީގައި ނާޒިމް:
އަބްދުﷲ ގާޒީއަކީ ގަތުލު ކުރަންޖެހޭ މީހެއް ކަމަށާއި އޭނާ ނެރެފައިވާ ޣައިރު ގާނޫނީ އަމުރުގެ މައްސަލަ ބަލަންޖެހޭނެ

21:05 ގައުމީ ސަލާމާތުގެ ކޮމެޓީގައި:
ރޮޒޭނާ ވާހަކަފުޅު ދައްކަވަނިކޮށް ކޮމެޓީ އަޑު އައްސަވަން އިންނެވި އަލްހާން ހުރަސް އެޅުމުން މައްސަލަ ވަނީ ދެންމެ ހޫނުވެފައި.

20:58 ގައުމީ ސަލާމާތުގެ ކޮމެޓީގައި ރީކޯ މޫސަ:
"މި މައްސަލައިގައި ޕީޖީ މުއިއްޒު ހާޒިރުކޮށް، އޭނާގެ ޒިންމާ އަދާ ކުރެވޭތޯ ސުވާލު ކުރަން ހާޒިރު ކުރަން ހުށަހަޅަން. އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވެސް ހުށަހަޅަން."

20:56 ގައުމީ ސަލާމާތުގެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު:
"މިހާރު މިހުށަހަޅާފައިވާ މައްސަލައިގައި ނިންމާ އެއްވެސް ކަމެއްގައި ކޮމެޓީގެ މެންބަރު އަދި އަބްދުﷲ ގާޒީގެ ލޯޔަރު ރިޒާއަށް ވޯޓު ނުދެއްވޭނެ، އެއީ ކައުންސިލް ޖެނެރަލްގެ ލަފާ"

20:54 ގައުމީ ސަލާމާތުގެ ކޮމެޓީގައި އަބްދުއް ރަހީމް:
ސަރުކާރުން ހިންގާ ޣައިރު ގާނޫނީ ކަންކަން ބަލައި ދިނުމަށާއި ކޮމެޓީއަށް ރައީސް ނަޝީދު ހާޒިރު ކުރަން ހުށަހަޅައިފި. މުޒާހަރާއަށް ގިނަ ބަޔަކު ނުކުތުމަށް ވެސް އޭނާގެ ފުރުސަތުގައި ގޮވާލި

20:40 ގައުމީ ސަލާމާތުގެ ކޮމެޓީގައި ތޯރިގު:
މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ގާނޫނު އަސާސީ ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި

20:40 ކޮމެޓީގެ މެންބަރު ގުރައިދޫ ދާއިރާގެ ރިޒާ، އަދި އަބްދުﷲ ގާޒީގެ ލޯޔަރު ހުށަހަޅުއްވަނީ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުރަން،. އެ ހުށަހަޅުމަށް މަހުލޫފު ވަނީ ތާއީދުކޮށްފައި.

20:35 މައްސަލަ ހުށަހަޅާފައިވަނީ އަސްކަރީ ބާރުތަކު މިހާރު ރާއްޖޭގެ ކަންތައް ކުރާ ގޮތުގެ މައްޗަށް، މައްސަލަގައި މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފަޔަކަށް ކޮމެޓީގެ ރިޔާސަތުން އެދެފި، މިހާރު ވާހަކަ ދައްކަނީ މަހުލޫފު

http://sun.mv/albums/live_3261.jpg
20:33 މި ކޮމެޓީގައި އަބްދުﷲ ގާޒީގެ ލޯޔަރު ރިޒާ ވެސް ހިމެނި ވަޑައިގަންނަވާ.

20:28 ރީކޯ މޫސަ ކޮމެޓީގައި: "އަބްދުﷲ ގާޒީއަކީ މީހުން މަރާ މީހުން ދޫކުރާ ނުރައްކާތެރި މީހެއް. ސިފައިން ކަންތައް ކުރަނީ ރަނގަޅަށް،"

20:24 ކޮމެޓީ ބޭއްވީ ކޮމެޓީގެ ތިން ބޭފުޅަކު އިސް ގާޒީގެ މައްސަލައިގައި ސިޓީއެއް ފޮނުވައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުން . މިހާރު ވާހަކަފުޅު ދައްކަވަނީ އެމްޑީޕީގެ މެންބަރު ރިޔާޒް، އޭނާއަށް ފަހު ރީކޯ މޫސާ މަނިކު ވާހަކަފުޅު ދައްކަވަނީ.

20:23 ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުން ފަށައިގެން ކުރިޔަށް ދަނީ. މިވަގުތު ވާހަކަ ދައްކަވަނީ މަޑަވެލީ ދާއިރާގެ މެންބަރު ނާޒިމް

20:22 ހޯމް މިނިސްޓަރުގެ ބަޔާން:
ވިދާޅުވީ ފުލުހުންގެ ތަހުގީގުތަކަށް އަބްދުﷲ ގާޒީ ހުރަސް އަޅުއްވައޮ ދަތިތައް ކުރިމަތިކުރަމުން އަންނަ ކަމަށާއި ކޯޓު އަމުރު ނެރުމުގައި ތަފާތުކުރާ ކަމަށާއި މަތީ ކޯޓްތަކުގެ ނިންމުންތަކަށް އިހްތިރާމް ނުކުރާ ކަމަށް. މައްސަލަތަކުގައި ބަންދުކުރާ މީހުން، ދޫކޮށްލާ ކަމަށާއި ކުށްވެރިންނަށް ހިތްވަރު ލިބޭ ގޮތަށް މަސައްކަތް ކުރައްވާ ރިޝްވަތު ނަންގަވާ ކަމަށް. އަދި ބޮޑެތި ކުށްވެރިން މިނިވަންކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އިސް ގާޒީގެ ސަބަބުން މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލި ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެތީ ސިފައިންގެ އެހީއަށް އެދިވަޑައިގަތީ ކަމަށް.

20:17 ގައުމީ ސަލާމާތާބެހޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މަޖިލީހުގައި ފަށައިފި.

20:06 މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމުގައި ދިވެހި ފުލުހުން ސިފައިންގެ އެހީއަށް އެދި ދާދިދެންމެއަކު ހޯމް މިނިސްޓަރު ހުށަހައްޅުވާ ބަޔާނެއް އިއްވެވުމާއެކު ޑިފެންސް މިނިސްޓަރު ވެސް ވަނީ ބަޔާނެއް ދެއްވައި އެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައި. އަދި ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، ޤައުމުގެ މަޞްލަޙަތު ހަމަމަގަށް އަޅުވައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ސިފައިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސިފައިން ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް.

ޑިފެންސް މިނިސްޓަރުގެ ބަޔާން:
ދިވެހިރާއްޖޭގެ ދާޚިލީ އެންމެހާ ކަންތައްތަކެއް ބެލެހެއްޓުމުގެ ޤާނޫނީ ބެލެނިވެރިކަން ލިބިފައިވާ ފަރާތަކީ ދިވެހި ފުލުހުންނަށް ވީހިނދު ފުލުހުންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތު ތަކުގެ ތެރޭގައި އަމާންއޮމާން ވެއްޓެއް ޤާއިމްކޮށް ތަފާތު އެކިއެކި ކުށްތައްކުރާ ފަރާތްތައް ހިފާހައްޔަރު ކުރުމާއި އެފަރާތްތަކުގެ ތަޙްޤީޤުތައް ހިންގުމަކީ ފުލުހުންގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފުލުހުން ހިންގާ ތަޙްޤީޤަށް ހައްޔަރުކުރެވޭ ފަރާތްތަކުން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ޤާނޫނީ ވަގުތު ހަމަވުމުން އިތުރަށް ތަޙްޤީޤުގައި ބެހެއްޓުމުގެ ބާރުލިބިދެނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

http://sun.mv/albums/live_3274.jpg
އެހެންނަމަވެސް، ފުލުހުންގެ ޤާނޫނީ ވާޖިބުއަދާކުރުމުގައި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ދޭންޖެހޭ އެއްބާރުލުން ނުލިބޭކަމަށާއި ޚާއްސަ ގޮތެއްގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައި ފުލުހުންގެ މަސައްކަތައް ތަފާތު މޭރުމުން ހުރަސްއަޅާފައި ވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލި އަމާންވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ނުކުޅެދިފައި ވުމުގެ ސަބަބުން ޤާނޫނު ނަންބަރު: 2008/5 ފުލުހުންގެ ޤާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވެ ދެއްވުން އެދި 16 ޖެނުއަރީ 2012 ވީ ހޯމަދުވަހު ފުލުހުންގެ އިދާރާއިން ދިވެހި އަސްކަރިއްޔާއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން ރާއްޖޭގެ އަމަންއަމާންކަން ގެއްލި، ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ ބާބާއި، ޤާނޫނު ނަންބަރު 2008/1 ސިފައިންގެ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން،ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ރޭގެ ވަގުތެއްގައިވަނީ ދިވެހި އަސްކަރިއްޔާގެ ބެލުމުގެދަށަށް ގެނެސްފައެވެ. ޤާނޫނު އަސާސީގެ 243 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ސިފައިންގެ މައްޗަށް މަތިކޮށްފައިވާ ޤާނޫނީ އިލްތިޒާމެކެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ދިވެހިދައުލަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާޚިލާފު ކޮންމެކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ހިމާޔަތްކުރުމަކީވެސް، ސިފައިންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ ގެ ދަށުން ސިފައިންގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

ސިފައިންގެ މި މަސައްކަތުގައި، ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި އަމަންޢާންމު ޤާއިމްކުރުމުގައި ފުލުހުންނަށާއި ޤާނޫނު ތަންފީޒުކުރާއެހެން ފަރާތްތަކުން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި، ސިފައިންގެ އެހީތެރިކަން ފޯރުކޮށްދެމުންގެންދާނެއެވެ. މިގޮތުގެ މަތިން ސިފައިން ޢަމަލުކުރުމުގައި، ސިފައިންނަށް، ފުލުހުންނަށާއި ޤާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކަށް ލިބިދީފައިވާ ހުރިހާ ޤާނޫނީ ބާރެއް، ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިގެންވާތީވެ، ސިފައިން އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދާނެއެވެ.

ޤައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، ޤައުމުގެ މަޞްލަޙަތު ހަމަމަގަށް އަޅުވައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ސިފައިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސިފައިން ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ.


20:06 އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެހީ އެދުނު ސަބަބު ބަޔާންކޮށް ހޯމް މިނިސްޓަރު ބަޔާނެއް ދެއްވައިފި. ހޯމް މިނިސްޓަރާއެކު ޑިފެންސް މިނިސްޓަރު ވެސް ބަޔާނެއް އެބަދެއްވާ

19:55 ޑރ. ޖަމީލުގެ މައްސަލައިގެ އަޑު އެހުން ދެންމެ ވަނީ ނިންމާލާފައި. ކުޑައިރުކޮޅެއްގެ ތެޜޭގައި ހުކުމް އިއްވާނެ. އެ ސަރަހައްދުގައި މީހުން ހަރަކާތްތެރިވަމުން އެބަދޭ. ޝަރީއަތުގައި ޖަމީލު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް.

19:55 މުޒާހަރާ ކުރާ މީހުންގެ ތިބި ސަރަހައްދުގައި ހިއުމަން ރައިޓްސްގެ އޮފިޝަލުން ވެސް ހަރަކާތްތެރިވާން ފަށައިފި.

19:51 ޑރ. ޖަމީލު ވަނީ މިޙާރު ކޯޓަށް ހާޒިރުކޮށްފައި

19:40 ކުރެންދޫން ދާއިރާގެ މެންބަރު އަހުމަދު މޫސާ ދޫކޮށްލައިފި. ބޮންޑާ އަދިވެސް ހުރީ ބަންދުކޮށްފައި. މިހާރު މުޒާހަރާގެ ބައިވެރިން އޮތީ އެމްއެމްއޭ ކައިރީގައި. މިވަގުތު މުޒާހަރާ ލީޑް ކުރަނީ މަހްލޫފު. އޭނާ ވިދާޅުވަނީ މިރޭ މުޒާހަރާ ނިންމަން އަދި ވަކި ވަގުތެއް ނެތް ކަމަށް

http://sun.mv/albums/live_3259.jpg
19:08 މީޑިއާ ފުލުހުންގެ ސަފުތަކުގެ ފަހަތުގައި ނުތިބެ ކުރިމައްޗަށް ނުކުތުމަށް އަންގައިފި އެވެ.

19:06 ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފި އެވެ.

19:02 މުޒާހަރާގެ ބައިވެރިން ތިބީ މަސްމާރުކޭޓާ ހިސާބުގަ އެވެ. އެކަމަކު މުޒާހަރާ ރޫޅާލުމުގެ އިންޒާރު އެބަދެ އެވެ.

18:57 މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންްގަން އުޅުމުން އޭނާގެ އަތުގައި ފުލުހުން ކްލިޕް ބިޑަޅުވައި ހައްޔަރުކޮށްފި އެވެ.

18:38 މުއްދަތު ޖެހުމަށް ޑރ. ޖަމީލު މިރޭ 7 ޖަހާއިރު ކޯޓަށް ގެންނާނެ ކަމަށް މަސްދަރުތަކުން ބުނެފި

18:27 މުޒާހަރާއާ ގުޅިވަޑައިގަތުމަށް ޕީޕީއެމާއި ޑީއާރުޕީގެ މަޖިލިސް މެންބަރުން ވަޑައިގަންނަވަމުން އެބަދެ އެވެ.

18:23 ދެ ފަރާތުގެ ކުރިމަތިލުންތަކުގައި ފުލުހުންނާ ދިމާލަށް ލުބުޔާއި ކަރާފަޅިތައް އުކާ ކަމަށް ސަންގެ ރިޕޯޓަރު ބުނި.

18:18 އެމްޓީސީސީ ޓަވަރާ ހަމައަށް މުޒާހަރާގެ ބައިވެރިން ފަހަތައްޖައްސައިފި އެވެ.

18:12 މަގުބަންދުކުރާ ބެރަކޭޑްތައް މޫދަށް އުކާލައިފި އެވެ. ގާތްގަނޑަކަށް 12، ނޫނީ 15 ވަރަކަށް މަގުބަންދު ކުރާ ވަނީ މޫދަށް އުކާލައިފަ އެވެ.

18:09 ޖުމުހޫރީ މަައިދާނުން އެންމެން ހުސްކޮށް އެމްއެމްއޭ އާ ހަމަައަށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފި.

18:07 މުޒާހަރާ ފަހަތަށް ޖައްސައި މީހުން ހައްޔަރު ކުރާ ކަމަށް ސަންގެ ރިޕޯޓަރު ބުނި.

18:03 މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހައިފި. އަދި އާންމުންގެ ދެ މީހަކު ހައްޔަރުކޮށްފި.

17:45 މުޒާހަރާގެ ބައިވެރިންނާ ފުލުހުން ކުރިމަތިލާން ފައްޓައިފި އެވެ. ފުލުހުން ގޮވަމުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް.

17:32 މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދޭން ފަށައިފި އެވެ. މިހާރު ފުލުހުންގެ ބޮޑު ފައުޖެއް މުޒާހަރާއާ ކުރިމަތި ލުމަށް އިންޒާރު ދޭން ފަށައިފި އެވެ.

ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލައި މުޒާހަރާ ފަށައިފި އެވެ. މުޒާހަރާ ކުރަމުން ދަނީ އެމްއެމްއޭ ކުރިމަތީގަ އާއި ޖުމުހޫރީ މައިދާންގެ މެދުތެރޭގަ އެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ މާއްދާ 27 ހިމާޔަތް ކުރޭ، އަދި އަބްދުﷲ ގާޒީ ދޫކޮށްލައި ޖަމީލު ވެސް ދޫކޮށްލުމަށެވެ.