ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރު 35، ކޮވިޑް19 އިން ރަނގަޅުވެއްޖެ އެވެ.

އެކްޓަރު އަރުޖުން އާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ. މިދިޔަ މަހު 20 ވަނަ ދުވަހު މަލައިކާ ވަނީ ކޮވިޑުން މުޅީން ރަނގަޅުވެފަ އެވެ.

އަރުޖުން ކޮވިޑުން ރަނގަޅުވެ ޓެސްޓް ނެގަޓިވްވުމާއެކު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ އޭނާގެ ސިއްހީ ހާލަތު މިހާރު ބަރާބަރު ކަމަށާއި މަސައްކަތް ފަށަން ކެތްމަދުވެފައިވާކަމަށެވެ. އަދި އޭނާއަށް ހެޔޮ ދުއާކޮށްދިން ހުރިހާ އެންމެންނަށް ޝުކުރުއަދާކުރާ ކަމަށް ވެސް ބުންޏެވެ.

އެކްޓަރު އަރުޖުން ބުނީ ކޮވިޑަކީ ސީރިއަސް ބައްޔެއް ކަމަށާއި އެ ބަލި ކޮންމެ މީހަކަށްވެސް ޖެހިދާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށާއި މާސްކު އެޅުމަށް ހަނދާން ބަހައްޓަންޖެހޭނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅު އަރުޖުން ކޮވިޑަށް ޕޮޒިޓިވްވީ އޭނާ ކުޅޭ ފިލްމެއްގެ ޝޫޓިން ފަށާފައިވަނިކޮށެވެ. އަރުޖުން ކޮވިޑުން ރަނގަޅުވުމާ އެކު އޭނާ ފަށާފައި އޮތް ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް ބެލެވެ އެވެ. ނަން ހާމަނުކުރާ އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވާނީ ރާކުލް ޕްރީތް އެވެ.