08 Oct 2020, 06:52
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ތާޕްސީ ޕަންނޫ 33، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އިންސްޓަގްރާމްގައި ތާޕްސީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ބަތަލާ ބުނީ ރާއްޖެ އަކީ އޭނާއަށް އެންމެ ކަމުދާ ތަން ކަމަށާއި މިއީ ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ.
އަންގާރަ ދުވަހު ބަތަލާ ރާއްޖެއައީ އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއެކުގައެވެ. ތާޖް އެގްޒޯޓިކާގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކުރަމުންދާއިރު ތާޕްސީ ބުނީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ރާއްޖެ ފަދަ މާހައުލަކަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ އޭނާއަށް އެންމެ ކަމުދާ ހޮލިޑޭ ޑެސްޓިނޭޝަން ކަމަށެވެ.
ހަފްތާއެއްގެ މުއްދަތަކަަށް ތާޕްސީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު އޭނާ އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ގަދަ އެއް އެކްޓަރެވެ. ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ބަތަލާ ތާޕްސީ އަކީ ބޮލީވުޑްގެ އިތުރުން ސައުތު އިންޑިއާ ފިލްމުތަކުގައި ވެސް މަސައްކަތް ކުރާ ފަންނާނެކެވެ.
އޭނާ ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިންނެވެ. ތާޕްސީ ގިނަ ބަޔަކަށް އެނގެން ފެށީ 2015 ވަނަ އަހަރު ކުޅުނު ފިލްމު "ބޭބީ" އިންނެވެ.