07 Oct 2020, 18:57
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "އޮޑި" ނުފެތޭނެ ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ސޯލިހާއެކު މިއަދު މުލީއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
މުލީއާގޭގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ދެބޭފުޅުން ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން ކޮވިޑް19 އާއި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި ކަމަށެވެ.
"ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޓުވީޓު ރީޓުވީޓުކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ "ﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އޮޑި ނުފެތޭނެ" ކަމަށެވެ.
"އަޅުގަނޑުމެންނަށް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ. ރައްޔިތުންނަށް ހެޔޮ ގޮތް ހޯދާދެވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިއަދު އެ ދެބޭފުޅުން ބައްދަލު ކުރެއްވި އިރުވެސް، އެ ދެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަަމަށް ބުނެ މީގެ ދުވަސްތަކެއް ކުރިން އަޑު ފެތުރިފައިވެ އެވެ.
އެގޮތަށް އަޑު ފެތުރުނީ، ރައީސް ނަޝީދު އިސްވެ މި ސަރުކާރުގެ މުހިންމު މިނިސްޓަރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަށް މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
އޭރު ރައީސް ސޯލިހް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަވެސް ދައްކަވާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވިދާޅުވި އެވެ.
މިއަދު މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށެވެ.
ދެ ރައީސުން އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އޭރުވެސް ސަރުކާރާއި މަޖިލީހާ ދެމެދު ހިޔާލުތަފާތުވުންތަކެއް އޮތެވެ. އެގޮތުން ކޮވިޑާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ރައީސް ނަޝީދު އޭރު ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.