17 Jan 2012, 17:12
ދިއެފްއެމް އާއި ދި ޓީވީން އެއް ވަގުތެއްގައި ފޮނުވާ "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ހުތުރު ބަހުރުވަ ބްރޮޑްކާސްޓް ކުރުން ނުހުއްޓުވޭ ނަމަ އެ ދެ ޕްރޮގްރާމް ވަގުތުން ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އެ ދެ ޗެނެލަށް އެންގި މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގައި ދިއެފްއެމުގައި އެދެފި އެވެ.
ދިއެފްއެމްގެ ސީއީއީއޯ މަސްއޫދު ހިލްމީ ސޮއި ކުރައްވައި މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފަށް މިއަދު ފޮނުވި ސިޓީގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ސިޓީއާ ހަވާލާދީ ބުނެފައި ވަނީ "މޯނިން އެޑިޝަން ޕްރޮގްރާމްގައި މުޖުތަމައުގެ އަދަބު އަޚްލާގީ މިންގަނޑާ ޚިލާފު ވާހަކަތައް ތަކުރާރުނުވާނެ ގޮތަށް އެ ޕްރޮގްރާމް ގެނެސްދިނުމުގެ އިންތިޒާމް ހަމަޖެއްސެއް ނެތް ނަމަ އެ ޕްރޮގްރާމް ބްރޯޑްކާސްޓު ކުރުން ހުއްޓާލުމަށް" އަންގާފައި ވާތީ އެކަމަކީ މިނިވަން މީޑިއާ އަށް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް އެ ސްޓޭޝަނުން ގަބޫލު ކުރާ ކަމަށެވެ.
އަދި މީޑިއާގެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގެ މިނިވަން ކަމަށް ހުރަސް އަޅައި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މީޑިއާ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާތީ އެ ކައުންސިލުން އެކަން ބަލައިދިނުމަށް ވެސް ދިއެފްއެމްގެ ސިޓީގައި އެދިފައިވެ އެވެ. އަދި އެކަމުގައި މީޑިއާ ކައުންސިލްގެ ރައުޔު އާންމުކޮށްދެއްވުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.
ސިޔާސީ އެކި މައުޟޫތަކަށް އާންމުން ހިޔާލު ފާޅުކުރާ މޯނިން ޝޯގައި މިދިޔަ ޑިސެމްބަރު 29ގައި އެ ޝޯގެ ބައިވެރިއަކު ހުތުރު ބަހުރުވައިން ވާހަކަ ދެއްކި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބް ސައިޓުގައި އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ދިއެފްއެމާއި ދި ޓީވީން ބްރޯޑްކާސްޓްކުރާ އެ ޕްރޮގްރާމްގައި ތިން ފަހަރެއްގެ މަތިން އެފަދަ ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާކަން އެނގޭ ކަމަށާއި ޤައުމުގެ އިޖްތިމާއީ ފޭރާމަށް ބުރޫއަރާ ފަދަ ވާހަކަތައް ބްރޯޑްކާސްޓް ކުރުން ނުހުއްޓުވޭ ނަމަ މިހިނދުން މިހިނދަށް އެ ޕްރޮގްރާމް ހުއްޓާލަން އަންގާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އެ އެންގުމާ ގުޅިގެން ދިއެފްއެމުން ވަގުތުން ގެނެސްދޭ މޯނިންގް އެޑިޝަންގެ އެހުންތެރިންގެ ފޯންކޯލްގެ ބައި ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލާފަ އެވެ.