05 Jul 2010, 05:47
10:00
ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ނަގާލުމަށްޓަކައި އިސްތިއުފާދެއްވި ވަޒީރުން ކުރައްވާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގައުމީ ޕާޓީން ގޮވާލައިފި އެވެ.
ގައުމީ ޕާޓީން ނެރުނު ނޫސްބަޔަނާއެއްގައި ބުނެފައިވަނީ، މަގްބޫލު އުޒުރެއްނެތި، ގައުމީ މަސްލަހަތަށް ކުޑަވެސް ބަލައިލުމެއް ނެތި އަރާފޯރީގައި ކަންކުރާ އުސޫލުން ރާއްޖެއާއި ބޭރު ދުނިޔޭގައި ލިބިފައިވާ ރީތި ނަން ކިލަނބުވާފަދަ ގޮތަކަށް އިސްތިއުފާދެއްވައި، މަގުމަތީގައި މުޒާހަރާކޮށް އަޑުގަދަކުރުން ޚިޔާރުކުރުމަކީ ވަރަށް ޣައިރު ޒިންމާދާރު އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ވަޒީރުކަމުން އިސްތިއުފާދެއްވުމަށްފަހު މިހާރުވެސް އެ ތިއްބެވީ ވަޒީރުކަމުގައިކަން ދޭހަވާފަދަގޮތަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރު ޕްރޮމޯޓް ކުރަމުން ޣައިރު ޤާނޫނީ އަމަލުތަކަކީ ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކުރަމުން ގެންދާ އަމަލުތަކެއް ކަމަށްވެސް ގައުމީ ޕާޓީގެ ނޫސް ބަޔާނުގައިވެ އެވެ.
ވަޒީރުން އިސްތިއުފާދެއްވުމަށްފަހު ސަރުކާރުން އަންގައިގެން ދައުލަތުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ނަހަމަގޮތުގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދައި އަމަންއަމާންކަން ގެއްލުވާލުމަށް ރާވާ ރޭވުންތަކާއި، ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްވެސް ފުލުހުންނަށް ގައުމީ ޕާޓީން އިސްލްތިމާސްކޮށްފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ އެއްވެސް ވަސީލަތެއް ވަކި ޕާޓީގެ މަސްލަހަތަށްޓަކައި ބޭނުންކުރުމަކީ ޤާނޫނު އަސާސީ މަނާކުރާ ކަމަކަށްވާއިރު، އިސްތިއުފާދެއްވި ވަޒީރުންގެ އެ އަމަލުތައް ތަކުރާރުކުރާ ކަމުގައިވާނަމަ، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެ ޕާޓީން ފަސްނުޖެހޭނެ ކަމަށްވެސް ނޫސްބަޔާނުގައިވެ އެވެ.