ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު އެ މަގާމުން ވަކިކުރުމަށް އެދި 20،731 ކްލަބް މެމްބަރުންގެ ސޮޔާއެކު ހުށައެޅި ޕެޓިޝަނުގެ ސައްހަކަން ބެލުމަށްފަހު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުލަބުގެ ބޯޑުން ތައްޔާރުވާން ފަށައިފި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އޯގަސްޓް މަހު އިއުލާން ކުރުމާ ގުޅިގެން އެކުލަބުގެ ރެޖިސްޓާޑް މެމްބަރުންތަކެއް ވަނީ ބާސެލޯނާގެ ރައީސްއާ ދެކޮޅަށް ތެދުވެފަ އެވެ. އަދި ކުލަބުގެ މެނޭޖްމެންޓްގެ ދޯހަޅި ވާހަކަ މެސީ އޭނާގެ ޓްރާންސްފާ ބަންދުވުމާ ގުޅިގެން މީސްމީޑިއާއާ ހާމަކުރި ހިސާބުން އެކުލަބުގެ ގިނަ މެމްބަރުންތަކެއް ވަނީ ރައީސް ވަކިކުރަން ވަގުތުން ވަގުތަށް މަސައްކަތް ފަށައިފަ އެވެ.

ބާސެލޯނާގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް ފަހު 14 ދުވަހުގެ ތެރޭގައި ބާސާގެ މެންބަރުންގެ ތެރެއިން 15 ޕަސަންޓް މެންބަރުންގެ ސޮއި ހޯދަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 17000 މެންބަރުންނެވެ.

ބާސެލޯނާގެ މެމްބަރުންގެ ތެރެއިން 20،000 އަށް ވުރެން ގިނަ މެމްބަރުންގެ ސޮއިއާ އެކު މިހާރު އެކުލަބުގެ ރައީސް ބާޓޮމެއު ވަކިކުރަން ޕެޓިޝަން ހުށައަޅާފައިވާ އިރު މިހާރު ވަނީ ޕެޓިޝަނުގެ ސައްހަކަން ބެލުމުގެ މަރުހަލާ ވެސް ނިމިފަ އެވެ. އެގޮތުން އިތުބާރުނެތް ކަމުގެ ވޯޓަކަށް ދާން ބޭނުންވާ އަދަދަށް ސައްހަ ވޯޓު ދީފައިވާކަން ބާސެލޯނާގެ ބޯޑުން ހާމަކޮށްފައިވާ އިރު، ބާކީ ހުރި ވޯޓުތައް މި މަހުގެ 10 ގެ ކުރިން ގުނާ ނިންމާލާނެ އެވެ.

ވޯޓުތަކުގެ ސައްހަކަން ބެލުމުގެ ޕެނަލުގައި ކެޓަލަން ފުޓުބޯޅަ ފެޑެރޭޝަންގެ ޑެލިގޭޓް ޖޯސެޕް މާރިއާ ވަލްބޯނާއާއި، ބާސެލޯނާގެ ބޯޑު ދެ މެމްބަރެއްގެ އިތުރުން ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ ބައިވެރިޔަކު ވަނީ ހިމަނައިފަ އެވެ.

އަދި ހުރިހާ ވޯޓެއް ގުނާ ނިމުމުން 14 ދުވަސްތެރޭގައި ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފި ނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ ކުރިން ދެ ފަހަރަކަށް ބާސެލޯނާގެ ރައީސް ވަކިކުރަން ވަނީ ވޯޓަކަށް ގޮސްފަ އެވެ. އެއީީ 1998 ވަނަ އަހަރު ލުއިސް ނުނެޒްއާއި 2008 ވަނަ އަހަރު ޖޯއާން ލަޕޯޓާ ވަކިކުރުމަށެވެ. އެކަމަކު މި ދެފަހަރުވެސް ވޯޓް ނިމިގެން ދިޔައީ އޭރު ތިބި ރައީސުންނާ އެއްކޮޅަށެވެ.