07 Oct 2020, 14:25
ރާއްޖެއާ އިންޑިއާ ދެމެދުވެފައިވާ އެބަސްވުންތަކުގެ ތަފްސީލު ހާމަ ކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް ނިންމަވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް މެންބަރު ޝިޔާމް ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވީ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެވެ. އާންމުގޮތެއްގައި ކުއްލި މައްސަލަ ބަލައި ގަތުމާ މެދު ގޮތް ނިންމާނީ ވޯޓަށް އަހައިގެން ނަމަވެސް މިއަދު އެމައްސަލަ ކުރިއަށް ނުގެންދަން ނިންމީ ވޯޓަށް އަހައިގެނެއް ނޫނެވެ.
ނަޝީދު މިއަދު ޖަލްސާގައި ވިދާޅުވީ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ބުރައެއް އުފުލަން ޖެހޭ އެގްރިމެންޓެއް ކުރާ ނަމަ އެ އެގްރިމެންޓެއް ކުރެވެނީ މަޖިލީހުން އިޒުނަދީގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އެއްވެސް ޝައްކެއް ނުހިނގާ އެބާވަތުގެ އެގްރިމެންޓެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ނަމަ ނުވަތަ ސަރުކާރުން ކުރާ ނަމަ މި މަޖިލީހަށް އޭގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނެ" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެ އެބަސްވުންތަކުގެ މައުލޫމާތު ހޯދޭނެ ކަމަށްވެސް މަޖިލިސްގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ މި މަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
އެމައްސަލަ ކުރިއަށް ނުގެންދަން މަޖިލީހުގެ ރައީސް ނިންމެވުމުން މެމްބަރު ޝިޔާމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެމައްސަލަ ކުރިއަށް ނުގެންދަން ނިންމެވުމަކީ ރައްޔިތުންގެ މަޖިލިސް ޑިމޮކްރެސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުއޮތްހާ ދުވަހަކު މި މަޖިލިސް އަޅުގަނޑަށް ފެންނަނީ ތަޅުލާފައި ބަހައްޓަން." ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އަޑި ނޭންގޭ ކަންތައްތަކެއް ހިންގަމުންދާ ކަމުގެ ޝައްކުތައް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އިންޑިއާއާ ރާއްޖެއާ ދެގައުމުގެ ދެމެދަށް ބުރޫ އަރާފާނެ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.
އެހެންވެ އިންޑިއާ ސަރުކާރާ އެކު މިސަރުކާރުން ހަދާފައިވާ ހުރިހާ އެގްރިމެންޓެއްގެ ތަފްސީލު ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އެމައްސަލަ ކުރިއަށް ނުގެންދަން ރައީސް ނަޝީދު ނިންމެވީ ކޮން މާއްދާއަކަށް ރިއާޔަތްކޮށްފައި ތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދިﷲ ޖާބިރު ސުވާލު ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ އެއީ މަޖިލިސް ގަވައިދުގެ ހުރިހާ މާއްދާއެއް ކަމަށެވެ.
"އަޅުގަނޑު ގަވައިދުގެ މާއްދާތައް ކިޔަން ފަށައިފިއްޔާ ހުރިހާ މާއްދާއެއް. ކޮންމެ މާއްދާއެއްގައިވެސް މި އޮންނަނީ އަޅުގަނޑަށް ހަގީގަތުގައި މީގެ ޖާގަ ލިބޭގޮތަށް. ފުރަތަމަ ކަމަކަށް ކަންވާންޖެހޭ ކުއްލި. ކިހިނެތްތޯ ކުއްލި ވެވެނީ އެބޭފުޅުންގެ ސަރުކާރުން ފެށިގެން ހިނގަމުން އަންނަ ކަމެއް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑީއާއާ އެކު ރާއްޖެއިން ގުޅުން ބޭއްވުމަށް ދިވެހިން ބޭނުންވާ ކަމީ އޭގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ދީނީގޮތުން ހައްދު ފަހަނައަޅާފައި ތިބި ބަޔަކު ރާއްޖޭގައި ހިންގާ ކެމްޕެއިނަކީ އެހެން ގައުމަކާއި ރާއްޖެއާ ގުޅުން ބަދަހި ކުރިޔަ ނުދޭން ހިންގާ ކެމްޕެއިނެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ދީނީގޮތުން ހައްދު ފަހަނައެޅި މީހުން ބޭނުންވަނީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރިކޮށް ރާއްޖެ ހިފަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމައްސައްކަތުގައި ބައެއް ސިޔާސީ ޕާޓީތައް ބައިވެރިވާތީ ހިތާމަކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށާއި އެހެން ކަންކަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެހެނިހެން މައުލޫމާތު ހާމަކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.