07 Oct 2020, 17:25
ބަލިމަޑުކަމުގެ ހާލަތުގައި "ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް" ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމަށް އެއްބަސްވުމެއްގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ޔޫރަޕިއަން އިންސްޓްޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލައަންސް (އެއިފެކް) އަދި އިޓަލީގެ ޔުނިވާސިޓީ އޮފް ޓިއުރިންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއިފެކް އަކީ، ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވާ ނިއުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިޔުއެމްޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓް ކޮމްޕްލަޔަންސް) ފަދަ ކަންކަމާއި ގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅާ ޖަމިއްޔާއެކެވެ.
ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތާއި ގުޅޭ ގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިއްމު ކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި، ގައިޑްލައިންތަކާއި، އަދި ސެޓްފިކެޓް ދެވޭނެ ނިޒާމުތައް ތަރައްގީކޮށް އަދި އީޖާދު ކުރުމުގެ ޢިލްމާއި ގާބިލުކަން އެއިފެކް އަށް ލިބިގެންވެއެވެ.
އެގޮތުން، އަދުގެ ކޯވިޑް ހާލަތަށް ރިޢާޔަތްކޮށް އެއިފެކް އިން ވަނީ ބައިނަލްއަގުވާމީ ކުއްލި ހާލަތާބެހޭ މިންގަނޑުތަކުގެ އައު ސިލްސިލާ ތަރައްގީ ކޮށްފައެވެ. އެ މިންގަނޑުތަކުގެ ސަބަބުން އޮގަނައިޒޭޝަންތަކަށް ކޯވިޑް-19 އާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވުމާއި، މީހުންގެ އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށާއި އަދި ސިއްހަތު ރަނގަޅުވުމަށް އެހީތެރިވެދޭނެއެވެ.
އެ ސިލްސިލާގައި ހިމެނޭ ތަފާތު ދެ މިންގަނޑަތަކުގެ ތެރޭގައި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް (ހުރިހާ އޮގަނައިޒޭޝަނަކަށްވެސް ބޭނުންކުރެވޭނެ އަދި ތަންފީޒުކުރެވޭ މިންގަނޑު) އަދި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް ފޯ ސެނިޓައިޒޭޝަން ސަރވިސް ޕްރޮވައިޑާރސް (ސެނިޓައިޒޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ މިންގަނޑަ) ހިމެނެއެވެ.
އެމްއެންޔޫއިން ބުނީ އެއިފެކް އާއި ގުޅިގެން އެ ޔުނިވަރސިޓީ މަސައްކަތް ކުރާނީ އެ ސްޓޭންޑަރޑްސްތަކަށް "ސެނިޓޭޝަން އެންޑް ހައިޖީން" އަށް ރައްޔިތުން އަހުލުވެރި ކުރުމަށާއި އެ ސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ޓްރޭނިންގ ހިންގާ އެކަމާ ގުޅޭ ދިރާސާތައް ކުރުމަށް ކަަމަށެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް އެއިފެކް ސްޓޭންޑަރޑްތައް ހިފަހައްޓާނަމަ އެއިފެކްގެ ސެޓްފިކެޓެއް ދެވޭނެކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.
އެ ސެޓްފިކެޓް އަކީ އިންޓަރނޭޝަނަލް ސެޓްފިކެޓްއަކަށް ވާތީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް، މިދުވަސްވަރު ތަނުގެ ސާފުތާހިރު ކަމާއި މެދު ފަތުރުވެރިންގެ ޢިތުބާރު ހޯދަން، މުހިއްމު ސެޓްފިކެޓްއަކަށް ވާނެކަމަށް ގަބޫލްކުރާކަމަށް އެމްއެންޔޫއިން ބުންޏެވެ.