މި ސަރުކާރު އައި ފަހުން އެކި ގޮތް ގޮތުން ރާއްޖެއިން އިންޑިއާއިން ނަގާފައިވާ ދަރަނިތަކުގެ އަދަދު 25.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ލަފާކުރެއްވިއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ މިއަދު އަމާޒުކުރި ސުވާލުތަކުގެ ތެރޭގައި އިންޑިއާއިން ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާގެ ތަފްސީލް ހޯދުމަށް ވެސް އިދިކޮޅު ގިނަ މެންބަރުން ސުވާލުތައް އަމާޒުކުރި އެވެ.

އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އަމީރު ވަނީ ރާއްޖެއިން އިންޑިއާއިން ނަގާފައިވާ ދަރަނިތަކުގެ ކުރު ތައާރަފެއް ދެއްވައިފި އެވެ. މިނިސްޓަރު ދެއްވި ތަފްސީލްތަކަކީ؛

  • މަޝްރޫއުތައް ހިންގަން އެލްއޯސީ ފެސިލިޓީ - 800 މިލިއަން ޑޮލަރު.

  • ބަޖެޓް ސަޕޯޓް 200 މިލިއަން ޑޮލަރު.
  • ކަރަންސީ ސްވޮޕުން ނެގި 400 މިލިއަން ޑޮލަރު.
  • ސްޓޭޓް ބޭންކު އޮފް އިންޑިއާއަށް ވިއްކި 250 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑެއް.

އެއީ ޖުމްލަ 1.65 ބިލިއަން ޑޮލަރު (25.44 ބިލިއަން ރުފިޔާ) އެވެ.

އެ ދަރަނިތައް ނެގި ސަބަބާއި އެކަން ދިފާއު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ އެލްއޯސީ ފެސިލިޓީއަކީ ވަގުތުން ދަރަނި އިތުރުވާ ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިސާ އަކީ ރާއްޖެއިން އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގާ މިންވަރަކުން ދަރަނި އިތުރުވަމުންދާނެ ފެސިލިޓީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބަޖެޓް ސަޕޯޓާއި ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ރާއްޖެއަށް މާލީ ބުރަ ކުޑަވާނެ ގޮތަށް ނަގާފައިވާ ލޯނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިފަހުން ރާއްޖެއިން އެސްބީއައި އަށް ވިއްކި ބޮންޑާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ވެސް ބޭރުގެ ޕްރައިވެޓް ފަރާތްތަކަށް ރާއްޖެއިން ބޮންޑު ވިއްކާފައި ހުރި ކަމަށެވެ. އަދި މި ސަރުކާރުން އާ ކަމެއް ނުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ކޭޝް ފްލޯ ހަމަޖެއްސުމަށް އަަބަދުވެސް ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެއް. އެސްބީއައި ބޮންޑަކީ ވެސް ޕްރައިވެޓް ޕްލޭސިންއެއް. ދެން އެކަމަށް އިންޑިއާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާ އެކު އެކަން ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ. އެސްބީއައިއިން ރާއްޖޭގެ ބޮޑު ގަތީ އިންޑިއާ ސަރުކާރުން ސޮވަރިން ގެރެންޓީއެއް ދިނުމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކާރިސާގެ މިވަގުތުގައި ވެސް ސަރުކާރުގެ ކޭޝްފްލޯ މެނޭޖް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގައި ދަތިތަކެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާރު ބައެއް ޕްރޮޖެކުޓްތައް ވެސް ފަށައިގެންފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.