17 Jan 2012, 16:44
ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުންނެވި ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރި އިރު ޝަރީއަތްތައް މެދުކަނޑާލާފައިވާތީ ބަންދާ މެދު ގޮތެއް ނުނިންމިގެން އަނބުރާ ދޫނިދޫއަށް ގެންގޮސްފި އެވެ.
ޑރ. ޖަމީލް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށްފައި ވަނީ ރޭ ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވެވަޑައިގެންނެވުމުން، ފުލުހުން އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާތީއާ އޭނާ ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އަދި ޑރ. ޖަމީލް ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޑރ. ޖަމީލުގެ ވަކީލު އަދި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދެވެ.
ޑރ. ޖަމީލުގެ މައްސަލައިގެ ޝަރީއަތް ނުބޭއްވިގެން އޭނާ އަނބުރާ ދޫނިދޫއަށް ގެންގޮސްފައިވާ އިރު ގާނޫނާ ހިލާފަށް ފުލުހުންނާއި ސިފައިން ގޮސް ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއްގެ ޝަރީއަތް ވަނީ ފުލުހުން އޭނާ ކޯޓަށް ހާޒިރުކޮށް ނުދިނުމުން ޣައިރުހާޒިރުގައި ބާއްވާފަ އެވެ.
ޖުޑިޝަރީ އަށް ދިމާވި "ކުއްލި ހާލަތާ ގުޅިގެން" ހައިކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގައި ވެސް މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ވަނީ ކެންސަލްކޮށްފަ އެވެ.