ޗައިނާ އާއި ރާއްޖެއާ ދެމެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް ފައިދާއެއް ކުރާނެ ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ސުވާލު ކުރެއްވީ ޗައިނާއާ އެކު އޮތް ފްރީޓްރޭޑް އެގްރިމަންޓަށް އަމަލުނުކޮށް އެ އެއްބަސްވުމުން ލިބޭ ލުއިތައް ދިވެހި މަސްވެރިންނަށް ނުލިބެނީ ކީތްވެތޯ އެވެ.

އެ ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ޗައިނާއާ އެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރެވެން ވެސް ނެތް ކަމަަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ އެގްރިމަންޓް ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުން އިތުރު ގާނޫނުތަކެއް ހަދަން ޖެހުނު ނަމަވެސް އެ ގާނޫނުތައް ނަހަދާ އޮތުމެވެ. އަދި އެ ގާނޫނުތައް ނުހަދާ އެފްޓީއޭގެ އެއްބަސްވުމަށް އަމަލު ކުރެވެން ސަރުކާރަށް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިވަގުތު އޮޕަރޭޝަނަލް [ތަންފީޒުކުރެވޭ] އެފްޓީއޭއެއް [ފްރީޓްރޭޑް އެގްރިމަންޓެއް] ޗައިނާއާ ރާއްޖެއާ ދެމެދަކު ނެތް. އެ އެގްރިމަންޓް އޮޕަރޭޝަނަލައިޒް ވާނީ މި މަޖިލީހުން އިތުރު ގާނޫނުތަކެއް ހަދައިގެން. އެއީ މި މަޖިލީހުގެ ޒިންމާއެއް. މި އެފްޓީއޭގެ ދަށުން މާބޮޑު ފައިދާއެއްވާކަން ފާހަގަވެފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ 165 ވަނަ މާއްދާގެ ދަށުން ޗައިނާގެ ފްރީޓްރޭޑް އެގްރިމަންޓަށް އަމަލު ކުރެވެން އަންނަނީ ދެ ގައުމުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން އަދި އަދި އެކަންކަން ފުރިހަމަކޮށްފައި ނުވާތީ "ޗައިނާ-ރާއްޖެއާ ދެމެދު ފްރީޓްރޭޓް އެގްރިމަންޓެއް ނެތް" ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޗައިނާ-ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީޓްރޭޑް އެގްރިމަންޓާ އެމްޑީޕީއިން އަބަދުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ. ސަބަބެއް ކަމުގައި ބުނަނީ އެ އެގްރިމަންޓްގައި ސޮއިކުރީ އަވަސް އަރުވާލައިގެން ކަމަށްވުމާއި ދެ ގައުމުގެ ބެލެންސް އޮފް ޕޭމަންޓްގައި ބޮޑު ތަފާތެއް ހުރުމުން އޭގެ ގެއްލުން ރާއްޖޭގެ ވިޔަފާރިތަކަށް ވުމުގެ ފުރުސަތު ބޮޑުވުމެވެ.

މަޖިލިސް ރައީސް ނަޝީދު ވެސް ވަނީ މީގެ ކުރިން ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެގްރިމަންޓާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ މައްސަލައެއް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މައްސަލައެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މިނިިސްޓަރުގެ ޖަވާބުތަކާ ގުޅިގެން މެންބަރު ޖާބިރު މިއަދު ވަނީ ތަކުރާރުކޮށް ޗައިނާއާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލު ވީތޯއާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް މި ސަރުކާރުން އުވާލާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން "އިސްލާހުކޮށްގެން ކުރިއަށް ދިޔުން" ކަމަށެވެ.

"މި ސަރުކާރުގެ ޕޮލިސީއެއް ނޫން ކުރީ ސަރުކާރުތަކުން ކޮށްފައި ހުންނަ ކަންކަން ވީމާ އެކަންކަން ނުކޮށް ހުއްޓާލުން. އެހެނެއް ނޫން ކުރީ ސަރުކާރުތަކުން ގޯސްކޮށް ކޮށްފައި ހުންނަ ކަންކަން ދިރާސާކޮށް ކަރެކްޓިވް މެޝާޒްތައް އަޅުގަނޑުމެން މިއަންނަނީ ލަމުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.