ދިވެހި ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި، އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި ވިދާޅުވުމަކާއި ގުޅިގެންނެވެ. ރާއްޖެއާ ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ދެއްކި ވާހަކައެއް ތޯ ސައީދު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

"އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިއިރު މި ސަރުކާރުގެ ބައެއް ކަންކަމަށް އެމަނިކުފާނު ދަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރު ކަމަށް ގިނަ ބަޔަކު ބުނާ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައި ދަނީ ކުރައްވަމުންނެވެ.