17 Jan 2012, 16:26
ބުރޯޑްކާސްޓަރުންނަށާއި މީޑިއާތަކަށް ކުރިމަތިވާ ފިއްތުންތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ބައްދަލުކޮށްފި އެވެ.
މިއަދު މެންދުރު ފަރީދީމަގު، ލެމަންގްރާސްގައި ބޭއްވި ބައްދަލުވުމުގައި ބްރޯޑްކާސްޓަރުން މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ލައިވް ޕްރޮގްރާމްތައް ފޮނުވާ އިރު، ދިމާވާ ގޮންޖެހުންތަކާއި އަދި މިނިވަން މީޑިއާ އަށް އެކިއެކި ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކާއި ބިރު ދެއްކުންތައް ފާހަގަކޮށް މަޝްވަރާ ކޮށްފައިވެ އެވެ.
އަދި މީޑިއާ އަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ރެގިއުލޭޓަރަށް އަދާކުރެވިދާނެ ދައުރުތަކާ ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ބްރޯޑްކާސްޓަރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު މާދަމާ ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވީ، ވީ ޓީވީ، ދި ޓީވީ، އެޓޯލް ރޭޑިއޯ، ދިއެފްއެމް، ސަންއެފްއެމް، ސަން އޮންލައިން، ހަވީރު ނޫސް އަދި ހާމަ ނޫހުގެ ފަރާތުންނެވެ.
ފަހަކަށް އައިސް މީޑިއާގެ ތަފާތު ފަރާތްތަކަށް ބިރުދައްކައި އިންޒާރުދީ ހަމަލަ ދިނުން ވަނީ އާންމު ކަމަކަށްވެފަ އެވެ.