07 Oct 2020, 06:56
ކިރްގިސްތާނުގެ ބޮޑުވަޒީރު ކުބަތުބޭކް ބޮރޮނޮވް އިސްތިއުފާ ދެއްވައިފި އެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވިއިރު މިދިޔަ އާދިއްތަ ދުވަހު އެގައުމުގައި ބޭއްވި އިންތިހާބްގައި ވޯޓު އޮޅުވާލައްވައިފައިވާ ކަމަށް ކިރްގިސްތާނުގެ ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ބޮރޮނޮވްގެ އިތުރުން ޕާލެމެންޓްގެ ސްޕީކަރު ދަސްތާން ޖުމަބެކޯވް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ކިރްގިސްތާނުގެ ޕާލިމަންޓުން މިހާރު ވަނީ ސަދީރު ޒަޕަރޯވް ބޮޑުވަޒީރުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.
ބޮޑުވަޒީރުކަމަށް އައްޔަނުކުރުމުގެ ކުރިން އެމަނިކުފާނުގެ ހުންނެވީ 11 އަހަރުގެ ޖަލުގެ ހުކުމެއް އަދާކުރައްވަމުންނެވެ. ނަމަވެސް މިއަދު އެގައުމުގެ ރައްޔިތުން މުޒާހަރާއަށް ނުކުމެ އެމަނިކުފާނު ވަނީ ޖަލުން މިނިވަންކުރައްވައިފަ އެވެ.
ވޯޓު އޮޅުވާލިކަމަށް ބުނެ ކްރިގިސްތާނުގެ ގިނަ ބަޔަކު މުޒާހަރާއަށް މިއަދު ނުކުތެވެ. އެ މީހުން މިއަދު ވަނީ އެގައުމުގެ ރައީސް އޮފީހާއި ޕާލިމަންޓް ހުންނަ ވައިޓް ހައުސް ބިލްޑިންއަށް ވެސް ވަދެފަ އެެވެ.
ކޮވިޑާ ގުޅިގެން ކިރްގިސްތާނުގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އިރު ސަރުކާރުން ކޮވިޑް ރަނގަޅަށް މެނޭޖް ނުކުރާކަމުގެ ޝަކުވާ އާންމުން ކުރެ އެވެ. އެއާއެކު ވޯޓު ގަތުމުގެ މައްސަލަ އާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް ސަރުކާރާމެދު ނުރުހުންވެފަ އެވެ.-- އަލްޖަޒީރާ--