06 Oct 2020, 21:00
ކޮވިޑް-19އާ ގުޅިގެން އިއްޔެ ށ. ފުނަދޫގެ މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު މިއަދު އެ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެޗްޕީއޭއިން ވަނީ ފުނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފަ އެވެ. މޮނިޓަރިން އުވާލާފައި ވަނީ މިއަދު ހަވީރު 17:15ގަ އެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހާ ވަނީ އުތުރުގެ ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކަށް ދަތުރުކޮށްފަ އެވެ.
އެހެންކަމުން އެ ކޭސްއާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ފުނަދޫގެ އިތުރުން، ކުޅުދުއްފުށްޓާއި، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުރިނބީވެސް މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.