07 Oct 2020, 07:03
ދެކުނު އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް މި މަހު ކައިވެނި ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.
ބަތަލާ ކާޖަލް ބުނީ މި މަހު 30 ވަނަ ދުވަހު އޭނާގެ ކައިވެނިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އާ ދިރިއުޅުމެއް ފަށަން ކެތްމަދުވެފައި ހުރިކަމަށެވެ. އޭނާ ކައިވެނިކުރާނީ ވިޔަފާރިވެރިއެއް ކަމަށްވާ ގޯތަމް ކިޗްލޫ އާ އެވެ. މުމްބާއީގައި ދެމީހުން ކައިވެނިކުރާއިރު ކޮވިޑް19ގެ ޕެންޑެމިކްގެ ސަބަބުން ކައިވެނި ހަފްލާ ވަރަށް ޕްރައިވެޓްވާނެ ކަމަށާއި ހަފްލާގައި ބައިވެރިވާނީ ދެފަރާތުގެ އާއިލާ އެކަނި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބަތަލާ ބުނީ ކައިވެނީގެ ފަހުން ވެސް ފިލްމީ މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށާއި ފޭނުންގެ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ. މިދިޔަ މަހު ކާޖަލް އާއި ގޯތަމް އެންގޭޖްވި ވާހަކަ މީޑިއާތަކުގައި ދެއްކިއިރު އޭނާ ކައިވެނިކުރާކަން ހާމަކުރުމާއެކު ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ކައިވެނި ހަފްލާ ކުރިއަށްދާނީ ދެދުވަހުގެ މުއްދަތަކަށެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރި ނަމަވެސް ބަތަލާ އަންނަނީ ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުންނެވެ.