07 Oct 2020, 06:52
ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ތަހުގީގުން ފެންމަތިވި ޑުރަގު މައްސަލާގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކުރި ރިއާ ޗަކްރަބޯޓީގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވުމާ އެކު ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ރިއާ އާއި އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީގެ ބަންދަށް މިފަހަރު ވެސް ޖެހީ 14 ދުވަހުގެ މުއްދަތެކެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެމީހުން ޖަލުގައި ބެއިތިއްބުމަށް ނިންމި އިރު ރިއާގެ ވަކީލުންގެ ޓީމުން ވަނީ އެތައް ފަހަރެއްގެ މަތިން ކަފާލާތުގެ ދަށުން އެމީހުން ދޫކޮށްލުމަށް ކޯޓަށް ހުށައަޅައިފަ އެވެ. ނަމަވެސް ކޯޓުން އެ މައްސަލަ ކޮންމެ ފަހަރަކު ވެސް ބޭރުކޮށްލަނީ އެވެ.
އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އިން ޑުރަގުގެ މައްސަލަ ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު މިހާތަނަށް އެ މައްސަލާގައި ވަނީ 20 މީހުން ހައްޔަރުކޮށްފަ އެވެ. އެންސީބީ އިން ބުނީ ޑުރަގުގެ މައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުންނަކީ ކޮންމެވެސް ގޮތަކުން ގުޅުމެއް ބާއްވަމުން އަންނަ ބައެއް ކަމަށާއި އަދި އާންމުކޮށް ޑުރަގު ގަންނަ މީހުން ކަމަށެވެ.