17 Jan 2012, 16:03
ވަކި މިވެނި ސަބަބެއް ނުބުނެ، ގައުމީ ދިފާއީ ބާރުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމުގައި ސަރުކާރަށް "އިންޓަނޭޝަނަލް ޕްރެޝާ"އެއް ނެތް ކަމަށް ބަލައިގެން ތިއްބާ "ޖަޖު އެރެސްޓް ކުރުން" މިހާރު ވަނީ "އިންޓަނޭޝަނަލް ވެފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ހާދިސާގެ ހަބަރު ގެނެސްދިން އެންމެ ފުރަތަމަ ނޫސްކަމަށްވާ އެމެރިކާގެ ސީބީއެސް ނޫހުގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުން އެ ގައުމުގެ ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރު އެ ގައުމުގެ އަސްކަރިއްޔާ އިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ ސަރުކާރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމުގެ ތުހުމަތަށް ހައްޔަރުކުރި އިދިކޮޅު ސިޔާސީ ލީޑަރަކު ދޫކޮށްލުމަށް އަމުރުކުރުމުން" ކަމަށެވެ.
ސީބީއެސްގެ ހަބަރުގައި ބުނެފައި ވަނީ ދޫކޮށްލި އިދިކޮޅު ލީޑަރު ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރަކާ ނުލައި ކަމަށެވެ.
ފޮރިން މިނިސްޓަރު އަހުމަދު ނަސީމާ ހަވާލާދީ އެ ހަބަރުގައި ބުނަނީ ހައްޔަރު ކުރި ގާޒީއަކީ ކޮރަޕްޝަނުގެ ތެރެއިންނާއި ސިޔާސީ އަދި އަމިއްލަ ގުޅުންތަކާ އެއްގޮތަށް ހުކްކުރާ ގާޒީއެއް ކަމަށެވެ.
ސިފައިން ނުކުމެ ގާޒީ ހައްޔަރުކުރި ހާދިސާ ރިޕޯޓްކޮށްފައިވާ އެހެން ނޫސްތަކުގެ ތެރޭގައި ބީބީސީއާއި ސެންފްރެންސިސްކޯ ލަގްޒަރީ ނިއުސް ހިމެނެއެވެ.
ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އިސް ގާޒީ ހައްޔަރު ކުރި މައްްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކަން ބޮޑުވާ ކަމަށެވެ.