06 Oct 2020, 15:21
ކޮވިޑް-19އާ ގުޅުންހުރި ކަންކަމަށް ދައުލަތުން ކުރި ހަރަދުތައް ދެ ބިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޫބަރު މަސް ފެށިއިރު ސިއްހީ އަދި އިޖުތިމާއީ ހަރަދުތަކަށް ދައުލަތުން ވަނީ 1.28 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިންނެވެ. އެންޑީއެމްއޭއިން 778.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހަރަދުކުރީ ހެލްތު މިނިސްޓްރީ (200.4 މިލިއަން ރުފިޔާ)އިންނެވެ.
މި ދާއިރާއިން ހަރަދުކުރި ގޮތަށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ހޯދަން ޖެހޭ ތަކެތި ހޯދުމަށެވެ. މިކަމަށް ދައުލަތުން ވަނީ 525.7 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އޮކްޓޫބަރު މަސް ފެށިއިރު ކޮވިޑް19އާ ގުޅިގެން އިގްތިސާދީ ކަންކަމަށް ޖުމުލަ 1.03 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މި ދާއިރާއިން 900 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ކޮވިޑް19 ރިކަވަރީ ލޯނު ސްމީކަށެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްއަށް 101.3 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިނުމަށް 34 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން ކުރި ހަރަދުތައް ދެ ބިލިއަނުން މައްޗަށް އަރާފައިވާއިރު، މި ޕެންޑެމިކްއާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ، ޓޫރިޒަމް ސިނާއަތް ހުއްޓުމުން ދައުލަތަށް ލިބޭ އާމްދަނީއަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ. މިއާއެކު ހަރަދުތައް ފޫބެއްދުމަށާއި ބަޖެޓް ސަޕޯޓަށް ސަރުކާރުން ވަނީ ބޭރު ގައުމުތަކުން ލޯނު ނަގާފަ އެވެ.