06 Oct 2020, 14:13
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ގޮނޑި ޖަހާފައި ހުންނަ ތަރުތީބު ބަދަލުކޮށް، ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެކުގައި ތަޅުމުގައި ތިބޭ ގޮތަށް ބަދަލުގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތަށް ފާސް ކުރީ، އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ކޮމިޓީގައި އެގޮތަށް މެމްބަރުން ތިބޭ ތަރުތީބަށް ބަދަލު ގެނައުމަށް ހުށަހެއްޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
އެ ހުށަހެޅުމަށް ތިން މެމްބަރަކު ވޯޓަށް ދިން އިރު، އެ ހުށަހެޅުމާ ދެކޮޅަށްވެސް ތިން މެމްބަރަކު ވޯޓު ދެއްވިއެވެ. ވޯޓު އެއްވަރުވުމުން އެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ވޯޓާއެކުވެ.
އެ ނިންމުމަށް އަމަލީ ސިފައެއް އަންނާނީ، ކޮމިޓީގެ ނިންމުމަށް މަޖިލިސް ތަޅުމުގައި ނަގާ ވޯޓުންނެވެ.
މަޖިލީހުގައި މެމްބަރުން އިށީންނާނެ ގޮތުގެ މަޝްވަރާ މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ފެށީ މަޖިލީހުގެ ސެކްރެޓޭރިއޭޓުން އެ ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ބުނެފައި ވަނީ މަޖިލީހުގައި މެމްބަރުން އިށީންނާނެ ތަރުތީބާ މެދު ކޮމިޓީއިން މަޝްވަރާކޮށް ރިޕޯޓެއް ތައްޔާރުކޮށްދިނުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއް ޕާޓީއަކަށް ނިސްބަތްވާ މެމްބަރުން ވަކިން ތިބުމަކީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި ތަރުތީބުވެފައި އޮންނަ ގޮތެވެ.
މިހާރު މަޖިލީހުގައި މެމްބަރުން އިށީދެގެން ތިބެނީ މާލޭ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން އެންމެ ކުރީގައި އަދި އޭގެ ފަހުން އަތޮޅު ތަރުތީބުންނެވެ. އެ ތަރުތީބު ބަދަލުކުރުމުގެ ވާހަކަތައް 19 މަޖިލިސް ފެށުނު އިރު ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދެއްކެވި އެވެ.
މިހާރު މަޖިލީހުގައި މާލޭ މެމްބަރުން ކުރީގައި ތިބޭ ގޮތަށް ތަރުތީބުވެފައި ވަނީ އެއީ އާ ގާނޫނުއަސާސީގެ ދަށުން އާ މަޖިލީހެއް އިންތިހާބުވުމުގެ ކުރިންވެސް މެމްބަރުން ތިބޭ ގޮތަށް ވާތީ އެވެ. އޭރު އެންމެ ކުރީގައި ތިބެނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރުންނެވެ.