މިހާރު މިގައުމުގައި ހިނގަމުން މިދަނީ އަޝްކަރީ ވެރިކަމެއް ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބް ލީޑަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ ޗީފް މާޝަލް ލޯ އެޑްމިނިސްޓޭޓާ މަޤާމުގައި ކަމަށެވެ.

"މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދަކީ އަޝްކަރިއްޔާގެ ވެރިޔާ. މި ރާއްޖޭގައި މިހާރު މިއޮތީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އަޝްކަރީ ވެރިކަމެއް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގައުމުގައި އަސްކަރީ ވެރިކަމެއް ފެށިފައިވާ އިރު އެހެން ގަމުތަކުގެ އަޅާލުން މި ގައުމަށް ކުޑަވެގެންދާނެ ކަމަށާއި އިގުތިސާދީ ބޮޑު އަނދަވަޅަކަށް މި ގައުމުދާ ފަދަ ގޮތެއް ވުމަކީ ގާތްކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގައުމަކީ މާޝަލް ލޯ އެޑްމިނިސްޓްރޭޝަނެއް ހިންގޭވަރުގެ މާލީ ތަނަވަސް ކަމެއް ހުރި ގައުމެއް ނޫން. އަޅުގަނޑުމެން ކަންބޮޑު ވަނީ ދިވެހި ރާއްޖެ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެތީ. ބޭރުގެ ބައެއް ގައުމުތަކުން ދަތި ކުރުމުގެ ފިވަޅު އަޅާފާނެތި.'" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިހާރު މި ގައުމުގައި އޮތީ އަސްކަރީ ވެރިކަމެއް ކަމަށް މިހާރު ސުޕްރީމް ކޯޓުން ވެސް އަންގަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހިސާބާށް ދިއުމުން ދިވެހި ރާއްޖޭގެ ގާނޫނު ، ބަޔަކު ހުށަހަޅާކަށް ނުޖެހޭނެ. ސުޕްރީމް ކޯޓުން މިހާރު އެ އޮތީ ހުމެއް ނެރުއްވާފައި. ދެން އެ ހުކުމާއި އެ ހުކުމާ އެއްގޮތްވާ ގޮތުގެ މަތިން ދެން އަޅުއްވަން ޖެހޭ ފިޔަވަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ. އެފަދަ ފިޔަވަޅެއް ނާޅުއްވައިފިއްޔާ އަޅުގަނޑުމެނަށް ދެން ކަންތައް ކުރައްވާ ގޮތެއް އިނގޭނީ އަޅުގަނޑުމެންގެ ގަނޫނީ ވަކީލުންނާއި މަޝްވަރާކޮށްގެން." އޭނާ ވިދާޅުވި އެވެ.