06 Oct 2020, 13:21
ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމުގައި އަމަލުކޮށްފައިވަނީ އެކަމަށް ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމުގައި އެ ކޯޕަރޭޝަނުން އަމަލުކޮށްފައިވާ ގޮތާ މެދު މަސް ވިއްކާ ބައެއް ފަރާތްތަކާއި ރައްޔިތުންގެ ތެރެއިން ކަންބޮޑުވުންތަކެއް ވަނީ ލިބިފައިވާ ކަމަށެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމުގައި އެ ކޯޕަރޭޝަނުން އަމަލުކޮށްފައިވަނީ އުސޫލާ އެއްގޮތަށް ކަމަށެވެ. އެފަދަ ވަގުތީ މަސް މާރުކޭޓެއް ހިންގައި ބެލެހެއްޓޭނީ އެއްމެ ފަރާތަކާ ހަވާލުކޮށްގެން ކަމަށް ގަބޫލުކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުގައެެވެ.
އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު އެއް އަހަރު ދުވަހަށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރި އިރު އިއުލާނާއެކު މާރުކޭޓާ ގުޅޭ މައުލޫމާތު ކަރުދާހާއި މަސް މާރުކޭޓުގެ ކުރުހުމުގެ އިތުރުން އެތަން ހިންގާނެ ގޮތުގެ އުސޫލުވެސް ވަނީ އާންމުކޮށްފައި ކަމަށެވެ.
އަދި އިއުލާނުުގައި ވާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުންގެ މެދުގައި ނަގާ ގުރުއަތުން ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
މަސް މާރުކޭޓު ހިންގާ ފަރާތުން އެޗްޑީސީ އަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. މިތަން ހިންގުމުގެ ފުރުސަތު ދޭނީ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ މަސް މާރުކޭޓު ހިންގުން ހަވާލުކުރާނެ ބައެއް ހޯދުމަށް ކުރި އިއުލާނުގެ ސުންގަޑިއަކީ އޯގަސްޓު މަހުގެ 12 ކަމަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވިތާ 15 މިނެޓުގެ ތެރޭގައި އެ އިއުލާނަށް ކުރިމަތިލި ހުރިހާ ބައެއްގެ ފޯމުތައް ބަލަން ފެށި ކަމަށްވެސް އެޗްޑީސީއިން ބުންޏެވެ. އަދި ފޯމުތައް ފުރިހަމަކޮށްފައިވާ ފަރާތްތައް ބެލުމަށްފަހު އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ހޮވުނު ފަރާތުގެ އިތުރުން އިތުރު ތިން ފަރާތެއް ހިމެނޭ އިންތިޒާރީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް އެޗްޑީސީއިން ބުންޏެވެ.
ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި ދެފުށް ފެންނަ ގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީއިން އިތުރަށް ބުނީ އެކަމާ ގުޅިގެން ބައެެއް ފަރާތްތަކުންގެ ކަަންބޮޑުވުން ހިމެނޭތީ އެކަމަށް ރިއާޔަތްކޮށް ބައެއް ކަހަލަ ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ބަޔަކަށް މަސް ވިއްކޭނެ ފަދަ ގޮތެއް ހެދުމުގެ ގޮތުން މާރުކޭޓުގައި ބޭނުންކުރާ އަށިތައް ބޭނުންކުރާނެ ވަކި އުސޫލެއް ކަނޑައަޅައި އެތަނުގައި އިތުރު ތިން އަށި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.