06 Oct 2020, 10:35
ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް 8،628 މީހަކަށް ވަނީ ލިބިފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. އެލަވަންސަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.
ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ކުރިއަށް ގެންދަން ނިންމައިފަ އެވެ.
ޖުލައި މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 15ގެ ނިޔަލަށް ހަމަ ވެފައިވާއިރު އޮގަސްޓު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު ސެޕްޓެމްބަރު 30ގައި ވަނީ ހަމަވެފަ އެވެ. އަދި ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށް މިހާރު ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ލޯނު ދޫކުރާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1807 ވިޔަފާރިއަކަށް ޖުމުލަ 298.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.