ކޮވިޑް19 އާ ގުޅިގެން އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ތެރޭގައި މިވަގުތު ހާލުބޮޑު ބަލިމީހަކު ނެތް ކަމަށާއި، ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފި އެވެ.

މިވަގުތު ކޮވިޑް19ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،099 މީހެކު ތިބިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނީ 65 މީހަކަށެވެ. ނަމަވެސް އެންމެނަށް ވެސް ފަރުވާދެމުން އަންނަނީ ވޯޑުތަކުގަ އެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ވޯޑުގައި މިވަގުތު 58 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. ގއ. ވިލިނގިލީ ފެސިލިޓީގެ ވޯޓުގައި ހަ މީހުން ތިބިއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ފަރުވާދެނީ އެންމެ މީހަކަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސް މީހަކު މިހާރު އެޑްމިޓު ކޮށްފައި ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހާލަތު ސީރިއަސްވެގެން އެއްވެސް މީހަކަށް އައިސީޔޫގައި ފަރުވާދޭން ނުޖެހޭތާ ހަތަރު ދުވަސްވެފައިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ވެންޓިލޭޓަރުގައި ވެސް މީހަކު ނެތް ކަމަށެވެ.

"ވޭތުވެ ދިޔަ ހަތަރު ދުވަހު، އައިސީޔޫގައި އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ފަރުވާދޭން ޖެހިފައެއް ނެތްކަން ފާހަގަކޮށްލަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހަމައެއާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ކޮންމެވެސް ވަރަކަށް ދަށްވެފައިވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 10،567 އަށް އަރާފައިވާއިރު އޭގެ ތެރެއިން 9،427 މީހުން ވަނީ ރަނގަޅުވެފަ އެވެ. ބަލީގައި ރާއްޖެއިން 34 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް މަތީގައި ހުރުމަށްފަހު، މިހާރު އެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ.

ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ ޕޮޒިޓިވްވާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ދޮޅު މަސް ނަގާނެ ކަމަށް ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއިތަތެއް ދިނުމުން ކޭސްތައް އިތުރުވާން ފެށުމުން، މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރި އެވެ. ނަމަވެސް މި ފަހުން ކޭސްތައް މަދުވާން ފެށުމުން އަނައްކާ ވެސް ރޭގަނޑު 10 އާ ހަމައަށް ވެހިކަލް ދުއްވައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ބަދަލު ގެނައިސްފަ އެވެ.