06 Oct 2020, 09:26
ވައިޓް ހައުސް (އޮކްޓޯބަރު 6) : ކޮވިޑް-19 ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެބަލިން ރަނގަނޅު ނުވަނީސް ހޮސްޕިޓަލުން ނުކުމެވަޑައިގެން އެނބުރި ވައިޓް ހައުސް އަށް ވަޑައިގެންފި އެވެ.
މެރިލެންޑްގައި ހުންނަ އެެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ "ވޯލްޓާ ރީޑް ނެޝަނަލް މިލިޓްރީ މެޑިކަލް ސެންޓަރު"ގެ ޓްރަމްޕަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ ޓްރަމްޕް އެހޮސްޕިޓަލުން ނުކުމެވަޑައިގެން އެނބުރި ވައިޓް ހައުސް އަށް ވަޑައިގެންނެވީ ކޮވިޑް ގެ އާލާސްކަންފުޅުން ރަނގަނޅުވެގެން ނޫން ކަމަށާއި އެބަލީގެ އަލާމާތްތައް މިހާރު ވެސް ޓްރަމްޕްގެ ހަށިގަނޑުން ފެންނަމުންދާ ކަމުގަ އެވެ. ނަމަވެސް އޮކްސިޖަން ދަށްވުންފަދަ ނުރައްކާތެރި ކަމެއް ޓްރަމްޕްގެ ހަށިގަނޑުން މިހާރު ފެންނަން ނެތްކަމުގަ އެވެ.
މުރާސިލުން ބުނި ގޮތުގައި ޓްރަމްޕް ހޮސްޕިޓަލުން ނުކުމެ ވަޑައިގެން ކާރަށް އެރުއްވީ އަމިއްލައަށް ހިންގަވާފަ އެވެ. ކާރުގައި ދެން ވަޑައިގަތީ އެމެރިކާގެ ރިޔާސީ ހެލިކޮޕްޓަރު "މެރިން ވަން" އަށެވެ. އެ ހެލިކޮޕްޓަރުގައި ވަޑައިގެންނެވީ ވައިޓް ހައުސްގެ ގޯތި ތެރެއަށެވެ.
ޓްރަމްޕް ވިދާޅުވަނީ ވަރަށް އަވަހަށް ކޭންޕޭން މަސައްކަތަށް އާންމުންގެ ތެރެއަށް ނުކުންނަވާނެ ކަމަށް
ވައިޓް ހައުސް އަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވަނީ އޭނާ ވަރަށް އަވަހަށް ކޭންޕޭން މަސައްކަތަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮވިޑް ނުޖެހޭއިރަށް ވުރެ މިހާރު ސިއްހަތު ރަނގަނޅުކަން އިހްސާސް ކުރެއްވޭ ކަމަށާއި ބަލީގެ އެއްވެސް ކަންފުޅެއް މިހާރު ނެތްކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕަކީ ސިއްހީ ހާލުކޮޅާމެދުވެސް ދޮގާއި މަކަރު ހައްދަވާކަން ބޭޒާރުވެފައިވާ ބޭފުޅެއް
ޓްރަމްޕަކީ އޭނާގެ ސިއްހީ ހާލުކޮޅުގެ ހަގީގަތް އޮޅުވާލެއްވުމުގައި ދޮގާއި މަކަރު ހައްދަވާކަން އެތައްް ފަހަރަކު ބޭޒާރުވެފައިވާ ބޭފުޅެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޓްރަމްޕް އޭރުގެ ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރެއްވި އިރު ޓްރަމްޕަކީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ސިއްހަތު ރަނގަނޅު ކެންޑިޑޭޓްކަމަށް ޓްރަމްޕްގެ ޑޮކްޓަރު ވިދާޅުވެފައިވެ އެވެ. ނަމަވެސް އިންތިޚާބަށް ފަހު އެ ޑޮކްޓަރުވަނީ އެއީ މެޑިކަލް ޓެސްޓްތަކުން ހާމަވި ހަގީގަތެއް ނޫންކަމާ އެއީ ޓްރަމްޕް ވިދާޅުވެގެން ދެއްކެވި ވާހަކަތަކެއް ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.
2017 ވަނައަހަރު މެޑިކަލް ޓެސްޓްތަކެއްގެ ނަތީޖާތަކެއް ޓްރަމްޕް ވަގަށް ނެންގެވ
ދެހާސް ސަތާރަ ވަނަ އަހަރު ޓްރަމްޕް ހެއްދެވި މެޑިކަލް ޓެސްޓެއްގައި ޓްރަމްޕްގެ ސިއްހީ ހާލުކޮޅުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެފައިވާ އިރު އެކަން ވައިޓްހައުސްގެ ޑޮކްޓަރު ހާމަނުކުރެއްވި މައްސަލައެއް ވެސް ވަނީ އެއަހަރު ބޭޒާރުވެފަ އެވެ. އަދި އެޓެސްޓް ތަކުގެ ނަތީޖާ ލީކުވެދާނެތީ ޓްރަމްޕް ވައިޓް ހައުސްގެ ގާޑުންގެ ބަޔަކު ޑޮކްޓަރުގެ ކޮޓަރިއަށް ފޮނުއްވައިގެން އެ ނަތީޖާތައް ވަގަށް ނެންގެވި ކަމުގެ ތުހުމަތު ވެސް ވަނީ ޓްރަމްޕްގެ މައްޗަށް ކުރެވިފައިވެ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ޓްރަމްޕްގެ ސިއްހަތާ ބެހޭ ގޮތުން ވައިޓް ހައުސްގެ ޑޮކްޓަރު ދެއްވި ބަޔާނަކީ ވެސް ސީދާ ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް ދެއްވި ބަޔާނެއްކަން ފަހުން ފަޅާއަރާފައިވެ އެވެ.
ޓްރަމްޕާއި އޭނާގެ އަނބިކަނބަލުންނަށް ކޮވިޑް-19 ޖެހުނުކަން ކަށަވަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއަށް ފަހު ޓްރަމްޕްގެ ހަށިކޮޅުން އެބަލީގެ އަލާމާތްތައް ފެންނަން ފަށައި ހުންވެސް ގަދަވެ އޮކްސިޖަން ދަށްވެ ވަރުބަލިވަމުންދާތީ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލަކަށް ޓްރަމްޕް ގެންގޮސް އެތަނުގައި އެނދުމަތިކޮށް ފަރުވާ ދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ.
ކޮވިޑްގެ ޝިކާރައަކަށްވި ނަމަވެސް ޓްރަމްޕަށް އެމެރިކާގެ ގިނަބައެއްގެ ހަމްދަރުދީއެއްނެތް
ޓްރަމްޕަކީ ކޮވިޑް-19 އިގެ ހަގީގަތް ގަބޫލުކުރައްވާ ބޭފުޅެއްނޫނެވެ. ކޮވިޑްގެ އިތުރުން ތިމާވެށީގެ މައްސަލަތައް ފަދަ އެތައް ކަމެއްގެ ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރެއްވުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފަ އެވެ. ޓްރަމްޕަށް ކޮވިޑް ޖެހުމުން އޭނާއަށް އެމެރިކާގެ ރައްޔިތުންގެ ހަމްދަރުދީ ނެތްކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)