17 Jan 2012, 15:10
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވިގަންއާ ދެކޮޅަށް ކުޅުނު މެޗް މެންޗެންސްޓާ ސިޓީން ކާމިޔާބުކޮށް، މެންޔޫއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ބޮޑުކޮށް ތާވަލްގެ އެއް ވަނަ މަޤާމަށް އަނެއްކާ ވެސް ސިޓީ ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ސީޓީ ރޭ ކުޅުނު މިމެޗް ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މެޗުގައި ސީޓީން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗްގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މެޗުން މޮޅުވުމުން ލީގް ކާމިޔާބުކުރުމަށް ސިޓީ ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ލިބެއްޖެ ކަމަށެވެ. ރޭގެ މޮޅާއެކު ސިޓީ 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތް ނަމަވެސް، ލީގް ކާމިޔާބު ކުރަން ކުލަބްގެ ކުޅުންތެރިން ކެއްމަދުވެފައިވާ ކަމަށް ވެސް މަންޗިނީ ބުންޏެވެ.
"މެންޔޫއަށް ވުރެ ބޮޑު ފަރަގެއް އަނެއްކާ ވެސް ސިޓީއަށް މިވަނީ ލިބިފަ. ސިޓީ އޮތީ ލީގް ކާމިޔާބުކުރުމަށް ތައްޔާރަށް. ކުރިއަށް ހުރި މެޗްތައް ކާމިޔާބު ކުރުމަށް އަހަރެން ޓީމްގެ ކުޅުންތެރިންނަށް ގޮވާލަން" މަންޗިނީ ބުންޏެވެ.
ލީގްތާވަލްގެ އެއްވަނާގައި ސިޓީ އޮތްއިރު، ރޭގެ މެޗުން ބަލިވި ވިގަން އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. އަދި ދެ ވަނަގައި އޮތް ސިޓީއަށް ލިބިފައި ވަނީ 48 ޕޮއިންޓެވެ. އަދި 46 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނަ ޓޮޓިންހަމްއަށް ލިބޭއިރު، ހަތަރު ވަނަ ލިބެނީ 40 ޕޮއިންޓާއެކު ޗެލްސީ އަށެވެ. އަދި ފަސް ވަނަ އަށް އާސެނަލް ވެއްޓިފައި ވާއިރު، ހަ ވަނަ ލިބެނީ ނިއުކާސަލް އަށެވެ.