މެލޭޝިއާގެ މިނިސްޓަރަކަށް ކޮވިޑް ޖެހުމުން އެގައުމުގެ ބޮޑުވަޒީރު މުހުއްޔިއްދީން ޔާސީން ކަރަންޓީނުވެވަޑައިގެންފި އެވެ.

ޔާސީން ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވާތީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޒުލްފިގާރު މުހައްމަދު އަލް ބަކްރީއާ އެކު ބައްދަލުވުމެއް ބޭއްވެވި ކަަމަށެވެ.

އޭގެ ދެ ދުވަސް ފަހުން ޒުލްފިގާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެެވެ.

އެ ބައްދަލުުމުގައި ބައިވެރިވެލެއްވި އިތުުރު ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްއާއި ޗީފް އޮފް ޕޮލިސް އެންޑް ޑިފެންސް ފޯސާސް ހިމެނިލައްވަ އެވެެ.

އެ ހުރިހާ އެންމެން ވެސް ޓެސްޓްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު މެލޭޝިއާގެ ސަބާގައި ބޭއްވި ސްޓޭޓް އިންތިހާބަށް ފަހު ކޮރޯނާ ވައިރަސްގެ ކޭސްތައް ފެންނަލެއް ވަނީ އިތުރުވާން ފަށައިފަ އެވެ.

މެލޭޝިއާ އިން އިއްޔެ އެކަނި ވެސް ވަނީ 432 ކޭސް ފެނިފަ އެވެ. މިއީ ރެކޯޑެކެވެ.

އެ އިންތިހާބަށް ކެމްޕޭން ކުރައްވަން ސަބާއަށް ވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ކަރަންޓީނަށް ވަޑައިގެންފައިނުވާތީ ވެސް އެމަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އުމުރުން 73 އަހަރުގެ ބޮޑުވަޒީރު އެންމެ ފަހުން ކޮވިޑަށް ޓެސްޓް ކުރެއްވީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ ފަހަރުގެ ނަތީޖާ ނެގެޓިވްއެވެ.-- ރޮއިޓާސް