ކުޅުދުއްފުށީ ސިޓީން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ ފުލުހެއް ކަމަށާއި، އެ ކޭސްއާ ގުޅިގެން އިތުރު ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކުޅުދުއްފުށިން ނެގި ސާމްޕަލް އެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީއަށް މީހުން އަރައިފޭބުން ވަނީ މަނާކޮށްފައެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، އެރަށުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި މީހެކެވެ.

އޭނާ ކޮވިޑް19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެއެވެ. އަދި މިއަދު ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވްވީ އެރަށުގައި މަސައްކަތްކުރާ ފުލުހެއް ކަމަށެވެ.

އަދި އޭނާ މި ފަހުން މާލެއަށް ދަތުރެއް ކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް އެ ހިސާބުގެ އެހެން ޕޮލިސް ސްޓޭޝަންތަކަށް ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޭސްއާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށްޓާއި، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ ވެސް ވަނީ މޮނިޓަރިންއަށް ގެންގޮސްފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީ އިން ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން އެ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުޅުދުއްފުށި މޮނީޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ "ފާޅު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކުވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށިން ފެނުނު ކޭހާއި ގުޅިގެން އެ އަތޮޅު ނޮޅިވަރަމް ވެސް މޮނީޓަރިން އަށް ލިއެވެ. ނަމަވެސް އެ ކްލަސްޓާއާ ގުޅޭ މީހަކު އެރަށުން ފެނިފައެއް ނުވެއެވެ.