05 Oct 2020, 22:08
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓުގައި އިތުރަށް ޕްރޮމޯޓުކުރުމުގެ ގޮތުން ރާއްޖޭގެ ޓްރެވެލް އޭޖެންސީ އެއް ކަމަށްވާ ރިސޯޓް ލައިފް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ބޮޑެތި ފަރާތްތައް ނުވަތަ އިންފްލުއެންސަރުން ގެންނަމުން އެބަ ދެއެވެ.
ޕްރޮޖެކްޓް "ފޯމޯ"ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްޓަކައި ރާއްޖެއަށް ވަނީ މިހާތަނަށް 35 އިންފްލުއެންސަރުން އަތުވެފައެވެ. އޭގެތެރޭގައި ހޮލީވުޑް އާއި ބޮލީވުޑް އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ފަންނާނުން ހިމެނޭނެއެވެ.
ރިސޯޓް ލައިފްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު "ސަން" އަށް ވިދާޅުވީ އެ ޕްރޮޖެކްޓަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށްޓަކައި އެޖެންސީއިން އިސް ނަގައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އިނގިރޭސިވިލާތުގެ މޮޑެލް ކަމަށްވާ ޑެމީ ރޯސް އާއި އެމެރިކާގެ ފިޓްނެސް މޮޑެލް އެއް ކަމަށްވާ އަނާ ޝެރީ ވަނީ ދާދި ފަހުން ރާއްޖެ އައިސްފައި ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސްއެއްވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ތާރީހުގައިވެސް މިހާ ބޮޑު ޕްރޮޖެކްޓެއް ރާއްޖެ މާކެޓް ކުރުމަށް ކުރިއަށް ގެންގޮސްފައި ނުވޭ،" އޭނާ ވިދާޅުވިއެވެ.
ފައިސާގެ އަގަށް ބަލާނަމަ އެ ޕްރޮޖެކްޓުގެ އަގު ހަ މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާ ދެމެދުގައި ހިމެނޭނެ ކަމަށް ޝާޒު ވަލީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓަކީ ރިސޯޓުތަކާއި އެހެން ފަރާތްތަކުންގެ ބޮޑު އެހީއެއް ލިބިގެން ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަށް ޓުއަރިޒަމް މިނިސްޓަރުގެ ފަރާތުން ތަރުހީބު ލިބިލައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރޮޖެކްޓް ފޯމޯގެ ދަށުން ރާއްޖެއަށް ޖުމްލަ 36 އިންފްލުއެންސަރުން ގެންނައިރު އެ ފަރާތްތަކުންގެ ޖުމްލަ ފޮލޮވަރުންގެ އަދަދު 150 މިލިއަނަށް އަރާ ކަމަށް ވަލީދު ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުންގެ ޕޯސްޓުތައް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި 500 މިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑެމީ ރޯސްވެސް ރާއްޖެ އައިސް ކުރި އެންމެ ޕޯސްޓަކުންވެސް އިނގިރޭސިވިލާތުގެ ނޫސްތަކަށް ވަނީ އޭނާ ރާއްޖޭގައި ހުރި ވާހަކައާއެކު ބޮޑު ޕްރޮމޯޝަނެއް ލިބިފައި،" ވަލީދު ވިދާޅުވިއެވެ.
ރާއްޖެ އައިސްފައިވާ ފަންނާނުންތައް ދަނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ ދައްކައި ރާއްޖެ ޕްރޮމޯޓުކުރުމަށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންނެވެ. އަދި ހުރިހާ އެންމެންވެސް ބުނާނީ ރާއްޖެއަށް އައުމަށާއި ރާއްޖެ ރައްކާތެރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި ދިމާވި އެެއް ދަތި ކަމަކީ ބައެއް ރިސޯޓުތަކުން ޕްރޮމޯޝަނަށް އެހީތެރިކަން ނުލިބުން ކަމަށް ވަލީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުކޫން އާއި އަދާރަން ފަދަ ތަންތަނުން، އިންފްލުއެންސަރުން ބައިތިއްބާ އެތަންތައް ޕްރޮމޯޓުކުރުމަށް އެދިފައިވާތީ އެ ފަރާތްތަކަށް ވަނީ ވަލީދު ޝުކުރު އަދާކުރައްވާފައެވެ.
އެހެންނަމަވެސް ސަރުކާރުގެ ފަރާތުން އެހާ ބޮޑު ސަމާލުކަމެއް އެ ކުންފުނީގެ ފަރާތުން ކުރާ މަސައްކަތަށް ދީފައި ނުވާ ކަމަށާއި ސަރުކާރުގެ ފަރާތުން އިތުރު ހިތްވަރެއް ބޭނުންވާ ކަމަށް ވަލީދު ވިދާޅުވިއެވެ.