މިމަހު 25 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރާ މަޤާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު ހަމަވިއިރު، ރައީސްގެ މަޤާމަށް ކުރިމަތިލާފައި ވަނީ ތިން ބޭފުޅުން ކަމަށެވެ. އެއީ މުހައްމަދު ތޮލާލާއި، ނަސީރު އިސްމާއީލް އަދި މުހައްމަދު ހާނިމެވެ. އަދި ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ދެ ބޭފުޅުންނަކީ މާދިހު އިސްމާއީލާއި އަހުމަދު ޝަފީގެވެ. އަދި ޚަޒާންދާރުގެ މަގާމަށް ކުރިމަތި ލާފައިވަނީ މުސްތޮފާ މުހައްމަދާއި މުހައްމަދު ޝިހާން ކަމަށް މުންތަގިމް ވިދާޅުވި އެވެ.

މީގެއިތުން އަންހެން މެމްބަރުގެ މަގާމަށް ކުރިމަތިލާފައި ވަނީ އާމިނަތު ޝާޒްލީން އާއި ޔަޒުނީ ނަޝީދާ އެވެ. އާންމު މެމްބަރުންގެ ގޮތުގައި ކުރިމަތިލާފައި ވަނީ ފާރިސް ޢަބްދުﷲ އާއި އަހުމަދު އަޒީލާއި، ޢަލީ ނަދީމާއި، އިބްރާހީމް ޢުމަރުގެ އިތުރުން މުޙައްމަދު ޝާހިދެވެ. އަދި އިބްރާހީމް ތައުފީގާއި އަހުމަދު ޝަޣީފާއި މުހައްމަދު ޝުޖާޢާއި މުހައްމަދު ޝިހާން ކަމަށް ވެސް މުންތަގިމް ވިދާޅުވި އެވެ.

މުންތަގިމް ވިދާޅުވީ، އިންތިހާބުގައި ވޯޓްލެވޭނެ ހަ ކްލަބަކީ ދިވެހި ސިފައިންގެ ކުލަބާއި، ކަސްޓަމްސް ރިކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި، ތިނަދޫ ޒުވާނުންގެ ކްލަބް އަދި ޒިފިއަސް ސްޕޯޓްސް ކްލަބް ކަމަށެވެ. އަދި އިންޑިވިޖުއަލްކޮށް ވޯޓްލެވޭނެ ހަތަރު މެންބަރުންނަކީ މުޙައްމަދު ހާނިމް (ކޯޗަސް ރެޕްރެޒެންޓޭޓިވް)، ނީޝާ ޙަލީމް (ސޯޝަލް ރެޕްރެޒެންޓޭޓިވް)، އަހުމަދު ރައުހާން (ޓެކްނިކަލް އޮފިޝަލްސް ރެޕްރެޒެންޓޭޓިވް) އަދި ޢަލީ ޝަރީފް (އެތުލީޓް ރެޕްރެޒެންޓޭޓިވް) އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، މިފަހަރު އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީގެ މަސައްކަތް އަންނަ ޖުލައި މަހުގެ އެއް ވަނަދުވަހު ފަށާނެ ކަމަށް މުންތަގިމް ވިދާޅުވި އެވެ.