05 Oct 2020, 20:40
ހއ. އުލިގަމުގައި ޓުއަރިސްޓް ހޮޓަލެއް، ޔޮޓު ބަނދަރާއެކު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް މިއަދު ހުޅުވައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އުލިގަމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓުއަރިސް ހޮޓަލަކާއެކު ޔޮޓު ބަނދަރެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެހެންކަމުން އެތަން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
އެހެންކަމުން ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރީން އެކަމަށް މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ބީލަން ހުށަހެޅުމަށް ވަނީ މިނިސްޓްރީއިން ބުނެފައެވެ.
މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން، މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އުލިގަމުގައި ޔޮޓް ބަނދަރެއް ގާއިމުކުރާއިރު އެ ސަރަހައްދަކީ ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރާ ސަރަހައްދެކެވެ.
އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރު 2010 ވަނަ އަހަރުން ފެށިގެން މަދުވެފައިވާ ކަމަށާއި އެކަން އެގޮަށް ދިމާވީ، އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުން ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ ކުރީން ބުނެފައެވެ.
އެކަމާ ގުޅިގެން އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ވަނީ ލުއި ތަކެއް މިއަހަރުގައި ދީފައެވެ.