އަބުރާބެހުމުގެ ބިލަކާއި ބޯހިޔާވަހިކަމުގެ ބިލަކާއެކު ޖުމްލަ 28 ބިލެއް ސަރުކާރުގެ ފަރާތުން މިއަދު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހަޅުމަށް ހަމަޖެހިފައިވާކަން ބަންޑާރަ ނައިބު އޮފީހުން ހާމަކޮށްފި އެވެ.

މި ދައުރު ޖުމްލަ 28 ބިލެއް ހުށަހަޅާއިރު، މުޅިން އަލަށް 19 ބިލެއް އަދި މިހާރު އަމަލު ކުރަމުން ދާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ނުވަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ.

އަލަށް ހުށަހަޅާ 19 ބިލުގެ ތެރޭގައި އަބުރާ ބެހޭ ބިލެއް ވަނީ ހިމަނާފަ އެވެ. މިފަހަރު ހުށަހަޅުމަށް ހަމަޖެހިފައި ވަނީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ތަސްދީގު ކުރި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ އޭރު މީޑިއާތަކަށް އަމާޒުކޮށް އެކުލަވާލި ބިލެކެވެ. އެ ގާނޫނުގެ ދަށުން އެތަށް މީޑިއާތަކެއް ވަނީ ބޮޑެތި އަދަދުތަކުން އޭރު ޖޫރިމަނާވެސް ކޮށްފަ އެވެ. މި ސަރުކާރު އައި ފަހުން ނިމިދިޔަ 18 ވަނަ މަޖިލީހުގައި ވަނީ އެ ގާނޫނު އުވާލާފަ އެވެ.

މި ދައުރުގައި އަލަށް ހުށަހަޅާ ބިލުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގެ ބިލެއްވެސް ހިމެނެ އެވެ. ރައްޔިތުނަނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އަދި މަޖިލިސް އިންތިހާބުގައި އެޖެންޑާ19ގެ ތެރޭގައި ގާނޫނަކުން ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން ދެން އަލަށް ހުށަހަޅާ ބިލުގެ ތެރޭގައި މީޑިއާ ކައުންސިލާއި ބްރާޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލުވެސް ހިމެނެ އެވެ. އެ ބިލުގެ ނަމަކީ، މޯލްޑިވްސް މީޑިއާ ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލެވެ.

މަޖިލިސް މި ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ތިރިގައި އެވަނީ އެވެ. އެ ބިލުތަކުގެ ތަފްސީލު އަދި ބަންޑާރަނައިބު އޮފީހުން ހާމައެއް ނުކުރެ އެވެ.

އަލަށް ހުށަހަޅާ ބިލުތައް:

  1. ޕޭމަންޓް ސިސްޓަމްއާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު

  2. ހެއްކާ ބެހޭ ބިލު
  3. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލު
  4. ކާބޯތަކެއްޗާބެހޭ ބިލު
  5. ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
  6. އާންމު ދަތުރުފަތުރުގެ ބިލު
  7. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލު
  8. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  9. ތަސްނީފްކުރުމުގެ ބިލު
  10. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
  11. ފޮރިން އިންވެސްޓްމަންޓުގެ ބިލު
  12. އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލު
  13. އިންސޮލްވަންސީއާ ބެހޭ ބިލު
  14. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  15. އާއިލާއާ ބެހޭ ބިލު
  16. ނަފްސާނީ ސިއްހަތުގެ ބިލު
  17. މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
  18. ބޯހިޔާވަހިކަމުގެ ބިލު
  19. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު

މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް:

  1. ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  2. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  3. ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  4. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  6. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  7. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނަުއުމުގެ ބިލު
  8. ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ޖުމްލަ 29 ބިލެއް މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ހިމަނާފައިވާއިރު، ނިމިދިޔަ ދެވަނަ ދައުރުގައި 21 ބިލުގެ މަސައްކަތް ނިންމާ ވަނީ ފާސްކޮށްފަ އެވެ. މިއަދު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރު ނިމެނީ އަންނަ ނޮވެމްބަރަށެވެ.