ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ރާދޭ : ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ ޝޫޓިން ފަށައިފި އެވެ.

ޝޫޓިން ފެށުމަށް ސެޓަށް ގޮސް ސަލްމާން ކުރި ޕޯސްޓެއްގައި ބުނީ ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ފިލްމެއްގެ މަސައްކަތް ނުކޮށް ހުރެ އެނބުރި މަސައްކަތް ފެށުމުން ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. ސަލްމާން އާއެކު މި ފިލްމުގެ ލީޑުން ފެނިގެންދާނީ ދިޝާ ޕާޓްނީ އެވެ. އޭނާ ވެސް ވަނީ މި ފިލްމުގެ ޝޫޓިން ފެށިކަން އަންގައި އިންސްޓަގްރާމަށް ޕޯސްޓެއްކޮށްފަ އެވެ.

ރާދޭގެ ޝޫޓިންގެ ބޮޑު ބައެއް އިންޑިއާ ލޮކްޑައުންކުރި އިރު ކުރެވިފައި އޮތުމުން މި ފަހަރުގެ ޝޫޓިންއަށް ހޭދަވާނީ 12 ދުވަހާއި ސާދަ ދުވަހުގެ މުއްދަތެކެވެ.

ރާދޭ އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިއަހަރުގެ އީދުގަ އެވެ. ކޮންމެ އީދެއްގައި ވެސް ސަލްމާންގެ ފިލްމެއް ރިލީޒްވެ އެވެ. ނަމަވެސް މިއަހަރު ކޮރޯނާވައިރަހުގެ ސަބަބުން އެކަންވާ ގޮތް މި ވަނީ ނުވެފަ އެވެ. މި ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ސަލްމާން ހާން ފިލްމްސް އިން އުފައްދާ "ރާދޭ"ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާ އެވެ.