05 Oct 2020, 19:41
ކުށް ކުރާ މީހުން މުޖުތަމައަށް ނެރުމުގައި ޖަލުތަކުން ހިންގާ ރީއިންޓަގްރޭޝަން ޕްރޮގްރާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
އެޗްއާރުސީއެމް އިން މިއަދު ވަނީ ކަރެކްޝަނަލް ސާވިސްގެ އިތުރުން ސަރުކާރުގެ ބައެއްް މުއައްސަސާތަކާ ބައްދަލުކޮށްފައެވެ. އަދި އެ ބައްދަލުވުންތަކުގައި ޖަލުތަކުގެ ގައިދީންގެ ހައްގުތަކާ ގުޅޭގޮތުން އެޗްއާރުސީއެމް އިން ވަނީ މައުލޫމާތު ސާފުކޮށްފައެވެ.
އެގޮތުން ޖަލުގެ ގައިދީންގެ ހައްގުތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރިމާންޑް އަށް ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭން އިނާޔާތްތައް ޕީޖީ އާއި ފުލުހުން ގުޅިގެން ހޯދައިދިނުމަށް އެޗްއާރުސީއެމް އިން ވަނީ ކަރެކްޝަނަށް އިލްތިމާސްކޮށްފައެވެ. އަދި ހަމައެހެންމެ އެ ފަރާތްތަކުގެ ޝަރީއަތް އަވަސްކޮށްދިނުމަށްވެސް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ގައިދީންގެ އިތުރުން ކުޑަކުދީންގެ ބަލަހައްޓާ ތަންތަނާ ގުޅޭގޮތުން އެޗްއާރުސީއެމް އިން ވަނީ މައުލޫމާތު ސާފުކުރުމަށް ޖެންޑާ މިނިސްޓްރީއާ ބައްދަލުކޮށްފައެވެ.
އެގޮތުން ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީންނަށް ރައްކާތެރި މާހައުލެއް މިހާރުން މިހާރަށް ހޯދައިދިނުމަށް އެޗްއާރުސީއެމް އިން ވަނީ އެދިފައެވެ.