17 Jan 2012, 14:56
މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ބައި އަނބުރާ ދެއްކުމަށް ސަރުކާރުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފް މަރުހަލާ ސުޕްރީމްކޯޓުން އަވަސްކޮށް ދިނުމަށް އެދި ގއ. ގެމަނަފުށީ ސިވިލް ސާވިސް މުވައްޒަފުން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް އިއްޔެ ހުށައަޅައިފި އެވެ.
ގެމަނަފުށީގައި ސިވިލް ސާވިސް ވަޒީފާ އަދާކުރާ 33 މީހަކު ސޮއިކޮށް އިއްޔެގެ ތާރީހުގައި ސުޕްރީމް ކޯޓަށް ހުށައެޅި ޕެޓިޝަނުގައި ބުނެފައިވަނީ 2010 ވަނއަހަރު ސަރުކާރުން އުނިކޮށްފައިވާ ފައިސާ އަނބުރާ ދިނުމަށް ސަރުކާރުގެ މައްޗަށް ސިވިލް ސާވިސް ކޮމިޝަނުން ހައިކޯޓަށް ހުށައެޅި މައްސަލާގައި ހައިކޯޓުން އިއްވި ހުކުމް ސަރުކާރުން ސުޕްރިމްކޯޓުގައި އިސްތިއުނާފް ކޮށްފައިވާތާ އެތަކެއް މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެމައްސަލަ ވަކި ގޮތަކަށް ނިމިފައި ނުވާތީ 30 ދުވަހުގެ ތެރޭ ގޮތެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
..”ސިވިލް ސާރިވސް މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދިނުމަށް ސަރުކާރުގެ މައްޗަށް ހުކުމް ކޮށް ދެއްވުން އެދި ހައިކޯޓުގައި ކުރި ދައުވާ އާއި ގުޅިގެން އެކޯޓުން އިއްވި ހުކުމް ސަރުކާރުން އިސްތިއުނާފް ކުރި މައްސަލަ އާއި މެދު ލަސްވެގެން މިއަދުން ފެށިގެން [ 16ޖެނުއަރީ 2012] 30 ދުވަހުގެ ތެރޭ ގޮތެއް ކަނޑައަޅާދެއްވުން އެދެން،" ޕެޓިޝަނުގައި ވެއެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ މުސާރައިން އުނިކުރި ބައި ނުލިބުމުގެ ސަބަބުން މުވައްޒަފުންނަށް މާލީ ގޮތުން ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި ދައުލަތުން އުނިކުރި މުސާރައިން މުޅިއަހަރުގެ މުސާރަ އާއި އިނާތްތަކުގެ ފައިސާގެ އަދަދު ނިސްބަތުން ބަލާނަމަ އެމުވައްޒަފުންގެ ތިން މަސްދުވަހުގެ އަސާސީ މުސާރަ އެއްވަރު އަދަދެއް އުނިކޮށްފައިވާ ކަމަށެވެ.