05 Oct 2020, 17:38
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ކޮވިޑްއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރުފައިސާގެ ބާޒާރަށް ބޮޑެތި ޕްރެޝަރުތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެމްއެމްއޭއިން ބުނީ ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކުރުމަށާއި މިއަހަރު ނިމެންދެން މިގޮތަށް އަމަލުކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ވެސް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ދަނީ ދޫކުރަމުންނެވެ.
ކޮވިޑް19ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މި ޕެންޑެމިކްގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް، އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަމުންދާ ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ.
އެގޮތުން 15 ޖުލައިގައި ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެމަހުގެ ނިޔަލަށް ރާއްޖެއަށް 1752 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށާއި މަހުން މަހަށް މި އަދަދު އިތުރުވަމުންދާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
މީގެ އިތުރުން އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް އިތުރުވަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު ވަނީ ނުވަ ދުވަހަށް އިތުރުވެފަ އެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.