ބޮޑެތި މައްސަލަތައް ނުބަލާ ކަމަށް ތުހުމަތުކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖު ގޮވާލައްވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސިރާޖު މިގޮތަށް ގޮވާލީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އެ ބަހުސްގައި ސިރާޖު ވިދާޅުވީ، މައްސަލަތައް ބެލުމުގައި ބޮޑެތި މައްސަލަތައް ބެލުމަށް އިސްކަން ނުދީ، ކުދި މައްސަލަތައް އޭސީސީން ބަލަމުންދާ ކަމަށެވެ. އެގޮތުން ރަށެއްގައި ހިނގާ 2،000 ރުފިޔާގެ ކުޑަ ހިޔާނާތުގެ މައްސަލައެއް ބެލުމަށް 30،000 ރުފިޔާ ހަރަދުކޮށް އެރަށަކަށް އޭސީސީން ދަތުރު ކުރާ ކަމަށް އޭނާ މިސާލު ޖެއްސެވިއެވެ.

"އެވެސް ބަލަން ޖެހޭ މައްސަލައެއް[ކުދި މައްސަލަތައް]. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ މިދިޔަ މުއްދަތުގައި [މިދިޔަ ސަރުކާރުން] މި ހިނގައި ދިޔަ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭސީސީން މިހާތަނަށް އެ ބާވަތުގެ ބޮޑު މައްސަލައެއް ބެލިފައި އޮތްތަނެއް ނުފެނޭ. އަދި ދައުވާ ކުރަންވެސް ފޮނުވިފައި ނުވޭ،" މެމްބަރު ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، މައްސަލަތަކުގެ ކުޑަ ބޮޑު މިނަށް ބަލައި، ހަރުދަނާ އިންތިޒާމެއްގެ ދަށުން ތަރުތީބު ކުރުމުގެ ގާބިލުކަމެއް އެ ކޮމިޝަންގައި ނެތް ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން އެ ކޮމިޝަނަށް އައްޔަން ކުރި މެމްބަރުންގެ ގާބިލިއްޔަތު ކަމާމެދުވެސް އޭނާ ސުވާލު އުފެއްދިއެވެ.

"ފަހަރުގައި ވެދާނެ އަޅުގަނޑުމެންނަށް އޭސީސީއަށް އައްޔަން ކުރެވިފައި ތިބި މެމްބަރުންގެ މައްސަލައެއް ކަމަށް. އެބޭފުޅުންގެ ގާބިލިއްޔަތުކަން ނެތީކަމަށް. އެހެން އެކަން ވަނީ ނަމަ، އަޅުގަނޑު ހަމަ ގޮވައިލަން އަޅުގަނޑުމެން އައްޔަންކޮށްފައި ތިބި މެމްބަރުން ވެސް ވަކިކޮށް، މިކަން ކުރެވޭނެ ބަޔަކާ ހަވާލުކޮށްގެން މިކަން ކުރަން،" ސިރާޖް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ، މިިދިޔަ ސަރުކާރުގައި އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައި އޮތީ އެމްއެމްޕީއާރުސީގެ ފައިސާއިން ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތައް ނުބެލި މަޑުޖެހިފައިވާ ކަމަށެވެ. އަދި އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރަތް ކުރައްވާާ ސިރާޖު ވިދާޅުވީ، މިދިޔަ ސަރުކާރުގައި އޭނާއަށް ކޮރަޕްޝަންގެ އެތަކެއް ތުހުމަތުތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ނުހައްގު މުއްސަނދިކަން ހޯދައި، ފްލެޓްތައް ފަދަ ތަންތަން ގަތް ކަމަށް އޭނާއަށް ތުހުމަތު ކުރެވޭ އިރު، އެފަދަ މައްސަލަތައް އޭސީސީން ބެލުމުން އެކަންކަމުގައި ގޯހެއް އޮތް ކަމަށް އެ އެ ކޮމިޝަނަށް ނުފެންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ އިމާރާތެއްގެ ތެރޭ ބަހައްޓަވައިގެން ސަރުކާރުން ހަރަދު ކުރި މައްސަލައިގައިވެސް އޭސީސީއަށް ގޯހެއް ނުފެނުނު ކަމަށް ސިރާޖު ވިދާޅުވިއެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދައި އެކަމުގެ ޒިންމާވާ ފަރާތްތަތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުގެ އެންމެ އިސް ވައުދަށް ވީއިރު، އެ ވައުދު ފުއްދުމަށް މާބޮޑު ކަމެއް ކުރެވިފައި ނުވާ ކަމަށް ސިރާޖު ފާހަގަ ކުރެއްވިއެވެ. އޭސީސީ ފަދަ މުއައްސަސާތައް ފެއިލްވުމުގެ ސަބަބުން، އެކަން ހާސިލްވުމަށް ހުރަސް އެޅޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ، އޭސީސީން މައްސަލަތައް ބެލުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައި ހުރިތޯ ބަލައި، އެ ކޮމިޝަންގެ މެމްބަރުންގެ ޒިންމާ އަދާ ކުރެވޭތޯ ނުވަތަ ނޫންތޯ ބަލައި މެމްބަރުން ޒިންމާ އަދާ ނުކުރާނަމަ އެމީހުން ވަކިކޮށް، އެކަން ކުރެވޭނެ ގާބިލު ބަޔަކާ އެކަން ހަވާލުކުރުން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"ގާނޫނުތަކަށް އިސްލާހު ގެނެވިދާނެ އެހެން ނަމަވެސް އެކަން ކުރުމަށް ގާބިލު ބައެއް ނަމަ ގާނޫނު އަސާސީ ތަސައްވަރު ކުރާ، އަދި ބޭނުންވާ ބަދަލު ފެނިދާނެހެން،" ސިރާޖު ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރުން މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ އެހެން މެމްބަރުންގެ ފާޑުކިޔުންވެސް ވަނީ މީގެ ކުރިން އަމާޒުވެފައެވެ.