ހެޕަޓައިޓިސް ސީ ވައިރަސް ހޯއްދެވި ތިން ސައިންޓިސްޓުންނަށް ނޮބެލް ޕްރައިޒް ދޭން ނިންމައިފި އެެވެ.

އެ އިނާމް ލިބޭ ތިން ސައިންޓިސްޓުންނަކީ އިނގިރޭސިވިލާތުގެ ސައިންޓިސްޓެއް ކަމަށްވާ މައިކަލް ހަފްޓަންއާއި އެމެރިކާގެ ރިސާޗަރުން ކަމަށްވާ ހާވޭ އޯލްޓާ އަދި ޗާލްސް ރައިސް އެވެ.

ނޮބެލް ޕްރައިޒްދޭ ކޮމެޓީން ބުނީ އެ ތިން ބޭފުޅުންގެ އިލްމީ ހޯއްދެވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ހެޕަޓައިޓިސް ސީގެ ސަބަބުން ފުރަމޭއަށް ކެންސަރު ޖެހި އެތައް ބަޔަކު ފުރަމޭ ބަދަލުކުރަން ޖެހެ އެވެ.

އިނގިރޭސިވިލާތުގެ ސައިންޓިސްޓް މައިކަލް ހަފްޓަން ހެޕަޓައިޓިސް ސީގެ ޖެނެޓިކް ސީކުއެންސް އައިސޮލޭޓް ކުރެއްވީ 1989 ވަނަ އަަހަރު އެވެ. އަދި އެ ވައިރަސްގެ ދެން ހުރި ހޯއްދެވުންތައް 1997 ވަނަ އަހަރު ހޯއްދެވީ އެމެރިކާގެ ރިސާޗަރުން ކަމަށްވާ ހާވޭ އޯލްޓާ އަދި ޗާލްސް ރައިސް އެވެ. އެ ދެ ބޭފުޅުން ވަނީ ޖެނެޓިކަލީ އިންޖިނިއާކޮށްފައިވާ އެ ވައިރަސް ޗިމްޕެންޒީއެއްގެ ފުރަަމޭއަށް އިންޖެކްޓްކޮށް އެ ވައިރަސްއިން ހެޕަޓައިޓިސް ސީ ޖައްސާކަން ހޯއްދަވައިފަ އެވެ.

މިހާރު ވެސް ހެޕަޓައިޓިސް ސީ ޖެހިފައިވާ 70 މިލިއަން މީހުން ދުނިޔޭގައި ތިބިއިރު އެ ބަލީގައި އަހަރަކު 400،000 މީހުން މަރުވެ އެެވެ.