05 Oct 2020, 21:39
ޕެރިސް (5 އޮކްޓޯބަރު 2020): އިސްލާމް ދީނަށް އިހާނާތްކޮށް ވާހަކަ ނުދެއްކުމަށާއި މުސްލިމުންނާ މެދު ނަފްރަތު އުފެދޭގޮތަށާއި އިސްލާމިކް ފޯބިޔާއަށް ހިއްވަރު ލިބޭގޮތަށް ބަޔާންތައް ނުދެއްވުމަށް ފަރަންސޭސިވިލާތުގެ މުސްލިމުންގެ ބަޔަކު އެގައުމުގެ ރައީސް އެންމެނުއެލް މެކްރޯން އަށް އިންޒާރު ކޮށްފި އެވެ.
ފަރަންސޭސިވިލާތުގެ މުސްލިމުންގެ ޖަމްއިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ 100 މެންބަރަކު ސޮއިކުރައްވައި ރައީސް މެކްރޯން އަށް ފޮނުއްވި ސިޓީއެއްގައި އިސްލާމް ދީނަކީ މައްސަލައެއްކަމަށް ވެފައިވާކަމަށާ އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އިސްލާމް ދީން މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައި ކަމަށް ސިފަކުރައްވައި މދިޔަ ހަފްތާގައި މެކްރޯން ދައްކަވާފައިވާ ވާހަކަތަކަކީ އިސްލާމް ދީނާއި މުސްލިމުންނާމެދު ނަފްރަތާއި ރުޅިވެރިކަން (އިސްލާމް ފޯބިއާ) ގެ އަމަލެއްކަން މެކްރޯންއަށް ހަނދާންކޮށް ދެއްވައި އެގޮތަށް ވާހަކަ ނުދެއްކުމަށް އިންޒާރު ކޮށްފައިވެއެވެ.
ފަރަންސޭސިވިލާތުގައި 6 މިލިޔަން މުސްލިމުން
ފަރަންސޭސި ރައްޔިތުންގެ ގޮތުގައި 6 މިލިޔަން މުސްލިމުން ތިބިއިރު ފަރަންސޭސި މުސްލިމުންގެ ދީނަށް މަލާމާތްކޮށް އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން އެދީނަށް އިހާނާތް ކުރުމަކީ ރައީސް މެކްރޯން އެގައުުމުގެ ގާނޫނުތަކާ ޚިލާފުވުންކަމަށާ އެއީ ހުޅަނގުގެ ލާދީނީ ފިކުރަށް ބެލިނަމަވެސް އަޚުލާގީގޮތުން ދަށުދަރަޖައިގެ އަމަލެއްކަމާއި އެއީ މެކްރޯން ރައީސް ކަމަށް ތަސައްރަފު ނުފުދޭކަން އަންގައިދޭ ކަމެއްކަން އެސިޓީގައި އެބޭފުޅުން މެކްރޯންއަށް ދަންނަވާފައިވެއެވެ.

މުސްލިމުންނާއި އިސްލާމް ދީނާ މެދު އުފައްދާ ނަފްރަތާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާއެއް ތެރެއިން
މެކްރޯން އިސްލާމްދީނާ ޓެރަރިޒަމާ ގުޅުއްވައި މުސްލިމުންނާމެދު ނަފްރަތު އުފައްދަވަނީ
މެކްރޯން މިދިޔަ ހަފްތާގައި ފަރަންސޭސި ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި މުސްލިމުންނަކީ ޓެރަރިސްޓުންކަމާއި އިސްލާމްދީނަކީ ޓެރަރިޒަމަށް ހިއްވަރުދޭ ދީނެއްކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން އޭނާވަނީ އިސްލާމް ދީނަކީ މައްސަލައެއްކަމަށް ސިފަކުރައްވައި އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އިސްލާމް ދީނާ އަދި އެދީނަށް ތަބައަވާމީހުން މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައި ކަމަށް ވިދާޅުވެ ސީދާ ގޮތެއްގައި އިސްލާމް ދީނަށާއި މުސްލިމުންނަށް އިހާނާތްކޮށް ބަދުބަސްތަށް ރައްދުކުރައްވާފައެވެ.
ތުރުކީއާއި އީރާނާއި އިސްލާމީ ދަންނަބޭކަލުންގެ އިއްތިޙާދުން މެކްރޯން ކުށްވެރިކޮށްފި
އެމައްސަލާގައި ތުރުކީއާއި އީރާނުންވަނީ މެކްރޯން ވަރަށް ބޮޑަށް ކުށްވެރިކޮށް އޭނާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކޮށްފައެވެ. އަދި އިސްލާމީ އިލްމުވެރިން ގެ ބައިނަލްއަގްވާމީ އިއްތިޙާދުންވެސްވަނީ މެކްރޯން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި މެކްރޯންއާއި އޭނާފަދަ އިސްލާމްދީނަށް ހަސަދަލައިގެން އުޅޭ ނާތަހުޒީބު މީހުން ކަންބޮޑުވަނީ އިސްލާމް ދީން ބާރުމިނެއްގައި ދުނިޔޭގައި ފެތުރެމުންދާތީ ކަމަށް ބުނެފައިވެއެވެ.
އަލްއަޒްހަރުންވެސް މެކްރޯން ކުށްވެރިކޮށްފި
މީގެއިތުރުން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންވަނީ މެކްރޯން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޝައިޚުލްއަޒްހަރު ޑރ. އަހްމަދުއްތައްޔިބު ސޮއިކުރައްވައި އަޒްހަރުން ނެރުނު ބަޔާނުގައި 1.5 ބިލިޔަން މުސްލިމުންގެ ޝުޢޫރުތަކަށް މެކްރޯން އިހާނާތްކުރެއްވިކަން ބަޔާންކޮށް ނަސްލީ އިމްތިޔާޒާއި ނަފްތަރަށް ހިއްވަރު ދޭ ބޭފުޅެއްގެ ގޮތުގައި މެކްރޯން ވަނީ ސިފަކޮށްފައެވެ.
މެކްރޯން އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރެއްވި މިއިހާނާތާމެދު އެއްޗެއް ނުބުނެ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީ ހިމޭނުން އޮންނަ މައްސަލާގައި އިސްލާމީ ބައެއް އިލްމުވެރިންނާއި ބައެއް ދާއިޔާއިން ވަނީ ކަންބޮޑުވުން ފަޅުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)