ހުޅުމާލޭގައި ފުލުހުން އިއްޔެ ހިންގި މަަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ކުއްތާތައް ބޭނުންކޮށްގެން ފުލުހުން އެ އޮޕަރޭޝަން ހިނގާފައިވަނީ އިއްޔެ އެވެ. ހައްޔަރު ކުރި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއް އަދި 21 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކުރި ކަމަށެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ގިނައަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދެއްގެ ފައިސާކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޮޕަރޭޝަނާ ގުޅިގެން ފުލުހުން އާންމު ކުރި ފޮޓޯއިން 10،900 އަށްވުރެ ގިނަ ރުފިޔާ އަދި ބޭރުގެ ފައިސާވެސް ފެނެ އެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ އޮޕަރޭޝަން ހިންގައިފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންނާ ގުޅިގެންނެވެ.