ސާރުކާރާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ފުލުހުން ކުރާ ތަހުގީގުގައި ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވައިފައިވަނިކޮށް، ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްފަހު ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުންނެވި ޖަމީލް މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު މެދުވެރިކުރައްވައި ފޯނުން ސަން އަށް ދެއްވި އިންޓަވިއެއްގަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ހައްޔަރު ކުރި ދުވަހު ވެސް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވަނިކޮށް، އެމައްސަލަ ތަހުގީގް ކުރުމަށް ކަމަށް ބުނެ ރޭ ދޫނިދޫއަށް އޭނާ ގެންގޮސް އެ މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ދޫނިދޫއަށް ގެންދިޔަ ފަހުން ފުލުހުންގެ އެކިއެކި ބޭފުޅުން އެތައް ފަހަރަކު އޭނާ ކައިރިއަށް ވަޑައިގެން ސުވާލުތައްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހަނުހުންނެވުމަކީ ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ނިންމައި އޭނާ ހައްޔަރު ކުރީ ކަމަށެވެ.

"އެތައް ފަހަރަކު ފުލުހުންގެ އޮފިޝަލުން އައިސް ސުވާލުތައް ކުރަމުން ދިޔަ. ނަމަވެސް ސުވާލުތަކަށް ޖަވާބު ނުދީ ހަނުހުރީމައި މިބުނަކީ މިހާރު ތިހިރީ ނުކިޔަމަންތެރިވެފައޭ އެހެންވެ ހައްޔަރުކުރީއޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ ރޭ ވެސް ފުލުހުންގެ އިދާރާއަށް އޭނާ ގެންދެވުމަށްފަހު ސުވާލުކޮށްފައިވަނީ ކުރިން ވެސް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން ހަނުހުރުމުގެ ބޭނުންކޮށްފައިވާ މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކޯޓުން ކޮށްފައިވާ ހުކުމުގައި ވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ އަސާސީއާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅާފައިވަނިކޮށް، އެ މައްސަލަ އަލުން ތަހުގީގު ކުރަން މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ގޮތުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

ޑރ. ޖަމީލުގެ ގާނޫނީ ވަކީލް ވިދާޅުވީ ފުލުހުން ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަންތައްތައް ކުރަމުން ގެންދާ ކަމަށާއި ތަހުގީގަށް ކަމަށް ބުނެ ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުންކޮށްފައިވަނިކޮށް އިތުރަށް ކުރަން ޖެހޭ ތަހުގީގެއް ނޯންނާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ޑރ. ޖަމީލާ ސަންދާން އަހައްމައިދީދީ ވެސް ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދެއްވާފައިވާ ކަމާށާއި ނަމަވެސް ފުލުހުން އެމައްސަލާގައި ދެވަނަ ދުވަހު ވެސް އެބޭފުޅުން ގެންދަވައި ބޭކާރު ސުވާލުތަކެއް ކުރަން ފެށުމުން އެމީހުންގެ ނިޔަތް ރަނގަޅު ނޫންކަން އެނގިފައިވާ ކަމަށެވެ.

"ތަހުގީގެއް ކުރާކަށެއް ނޫން އެމީހުން އެއުޅެނީކީ. ތުހުމަތުތަކެއް ކުރެވިގެން ގެނެސް ތަހުގީގު ކުރުމަށްފަހު އެމީހުންގެ މަޝްއޫލިއްޔަތަށް އޮންނާނީ އެމައްސަލަ ކޯޓަށް ހުށަހަޅަން. ކޯޓުން ނިންމާ ގޮތަކަށް އެކަންތައް ކުރިއަށް ގެންދަންޖެހޭނީ،" ޑރ. ޖަމީލު ވަކީލު ވިދާޅުވި އެވެ.