19:00


އިޖްތިމާޢީ ބަލިމަޑުކަމުން އަޅުގަނޑުމެންގެ މި ރާއްޖެ ސަލާމަތްކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ 234 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހޮލިޑޭ އިން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވީ ހަމަ ނަމެއްގައި ވެރިކަން ހިންގުމަށް ނޫން ކަމަށާއި، އެހެންނަމަވެސް ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި ހެޔޮވެރިކަމެއް ހިންގުމަށް ކަމަށްވުމާއެކު، ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައިވިޔަސް މިކަން ކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވަނީ މިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް މިކަމުންވެސް އަވަހަށް އަރައިގަނެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.