17 Jan 2012, 14:15
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންގެ އަމުރާ އެއްގޮތަށް ކުރިމިނަލް ކޯޓްގެ އިސްގާޒި އަބުދުﷲ މުހައްމަދު ވަގުތުން މިނިވަން ކުރުމަށް ޕީޕީއެމުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން ދުންޔާ މައުމޫން ވިދާޅުވީ ސަރުކާރުން ގަނޫނު އަސާސީ އާއި ގާނުނޫތަކާއި ހިލާފަށް ކުރާ އަމަލުތަށް ވަގުތުން ވަގުތަށް ހުއްޓާލައި ގާނޫނޫ އަސާސީ އަށް ބޯލެބުމަށް ރައީސް މުހައްމަދު ނަޝިދާއި ދިފާއީ ބާރުތަކަށް ގޮވާލާ ކަމަށެވެ.
"ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ގެނައި ޒަމާނީ ޑިމޮކްރަސީ ފުނޑުފުނޑުވަމުން ނެތިގެން ދާތަން ފެނުމުން އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ފަނޑިޔާރުންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަމަލުކުރާނެ ގޮތް ފަނޑިޔާރުންގެ ގާނޫނޫގައި ބަޔާން ކޮށްފައި ވާއިރު އެއިން އެއްވެސް ކަމަކަށް ރިއާއަތް ކުރުމެއްނެތި ފުލުހުންނާއި ގައުމީ ދިފާއި ބާރުން ގާނުނު އަތަށް ނަގައި ހިތުހުރި ގޮތަކަށް އަމަލުކުރަމުން ދިއުމަކި ޕީޕީއެމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ ހިނގި ހާދިސާގެ މައުލޫމާތުތަށް ބޭރުދުނިޔޭގެ އެކިފަރާތްތަކަށް ހިއްސާ ކުރެއްވަމުން ގެންދަވާ ކަމަށާއި ބޭރުގެ ފަރާތްތަކުން ވެސް ސަރުކާރުން ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ހިންގަމުން އަންނަ ކަންކަން ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ދުންޔާ ވިދާޅުވީ ގާނޫނާއި ހިލާފަށް ސަރުކާރުން ކުރާ ކަންތަށް ހުއްޓުވުމަށް ސުލްހަވެރިކަމާއި އެކު ގޮވާލަ ގޮވާލުމަށް އިޖާބަ ނުދީފިނަމަ ޕީޕއެމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަސްނުޖެހޭނެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ