ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ ޕޮޒިޓިވްވާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ދޮޅު މަސް ނަގާނެ ކަމަށް ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޭޕްރީލް މަހުގެ މެދު ތެރޭގައި މާލެ ތެރެއިން ކޮވިޑްގެ ކޭސްއެއް ފެނި ލޮކްޑައުން ކޮށް ޖޫން މަހު ލުއިތަކެއް ދިން އިރު 1000 ޓެސްޓް އިން ޕޮޒިޓިވް ވަނީ 40 ސާމްޕަލް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ހުރީ 140 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އެއްޗެހި ދަށަށް ދާން އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހާރު ދާ ރޭޓްގައި އަޅުގަނޑުމެނަށް ކޭސަސް އިންކްރީސް ނުވިކަމުގައި ވިޔަސް މި ދެންނެވި ބެންޗުމާކާއި ހަމައަށް 40 ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް އިތުރު ވޭވެއް ނައިއްސިކަމަށް ވަންޏާ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއިތަތެއް ދިނުމުން ކޭސްތައް އިތުރުވާން ފެށުމުން، މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރި އެވެ. ނަމަވެސް މި ފަހުން ކޭސްތައް މަދުވާން ފެށުމުން އަނައްކާ ވެސް ރޭގަނޑު 10 އާ ހަމައަށް ވެހިކަލް ދުއްވައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ބަދަލު ގެނައިސްފަ އެވެ.

ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އިއްޔެ ވެސް 65 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ކުރީ ދުވަހު 67 މީހުން ޕޮޒިޓިވްވި އެވެ. ނަމަވެސް އެބައްޔަށް ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 2000 އިން 1125 އަށް ތިރިވެފަ އެވެ.