05 Oct 2020, 11:42
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހޭދައެއް ކުރި ބާސެލޯނާ ހިފަހައްޓާ ވާދަވެރި ސެވިއްޔާއިން ފެންވަރު ދައްކާލި އިރު، ލެވާންޓޭ އަތުން ހޯދި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގެ ރޭ ކުޅުނު ވާދަވެރި މެޗު 1-1 ގެ ނަތީޖާއަކުން ނިމުނު އިރު، ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ސެވިއްޔާއިން ވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަވަނައިގައި ގޯލުގެ ތަފާތުން އޮތް އިރު، ރޭގެ ބައްޔަކީ ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ޓްރާންސްފާގައި ބަޔާން މިއުނިކުގައި ލޯން ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ބްރެޒިލްގެ ފޯވާޑް ފިލިޕޭ ކުޓީނިއޯ ފުރަތަމަ އެގާރައިގައި ހިމަނައިގެން ބާސެލޯނާއިން ކުޅުނު އެ މެޗުގައި އެ ޓީމުން ޖުމުލަކޮށް ދެއްކީ އާދައިގެ ކުޅުމެކެވެ. އެކަމަކު ސެވިއްޔާއިން މޮޅުވުމުގެ އަޒުމުގައި ވަރުގަދައަށް ޑިފެންޑްކޮށްގެން އެ މެޗުގައި ކުޅުނު އިރު ސެވިއްޔާ ކޮޅަށް މީގެ ކުރިން 29 ގޯލު ޖެހި ލިއޮނެލް މެސީއަށް ވެސް ރޭގެ މެޗުގައި މާ އެދެވޭ ކުޅުމެއް ދައްކާފައެއް ނުވެ އެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލޫކް ޑި ޔޯނެވެ. އެކަމަކު ސެވިއްޔާއަށް މެޗުގައި ލީޑު ހިފަހައްޓާލެވެނީ އެންމެ ދެ މިނެޓަށެވެ.
ސެވިއްޔާގެ ގޯލު ޖެހިތާ ދެ މިނަޓު ފަހުން ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ކުޓީނިއޯ ޖަހައިދިން އެ ގޯލާ އެކު ބާސެލޯނާއިން އުންމީދުތައް އައު ކުރި ނަމަވެސް އެ ޓީމުން މެޗުގައި އުފެެއްދި ހަމަލާތައް ވަނީ ބޭކާރު ވެގެން ގޮސްފަ އެވެ.
ކުރީ ސީޒަނުގެ ނާކާމީޔާބީއާ އެކު ޓީމަށް ބޮޑު ބަދަލުތަކެއް ގެނެސްގެން ބާސެލޯނާއިން ސީޒަނަށް ކުރިމަތިލި އިރު، ރޭގެ މެޗުގައި އަޔެކްސްއިން ގެނައި ޒުވާން ޑިފެންޑަރު ސާޖިނޯ ޑެސްޓް ވެސް ވަނީ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ.
ބާސެލޯނާއިން ޕޮއިންޓް ގެއްލުވާލި އިރު އެ ޓީމާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވަނީ ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ހޯދައި ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ލެވަންޓޭ އަތުން ރެއާލް މޮޅު ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. މި މެޗުގައި ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. މިއީ ރެއާލުގެ ޖާޒީގައި ބެންޒެމާ ކާމިޔާބުކުރި 250 ވަނަ ލަނޑެވެ.
އެ މެޗުން ހޯދި މޮޅާ އެކު ރެއާލް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު އެވެ.