17 Jan 2012, 13:45
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށް، ކޯޓުތަކުގެ ހުރުމަތް ކަނޑާފައިވާ މައްސަލައިގައި ޗީފް އޮފް ޑިފެންސްފޯހާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ތިން ދުވަހުގެތެރޭ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް އެމްއެންޑީއެފުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު ޢަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ކޯޓުތަކުގެ ހުރުމަތް ކަނޑާފައިވާތީ، މޫސާ އަލީ ޖަލީލާއި އެ އަމަލު ހިންގުމުގައި އަމަލީގޮތުން ޝާމިލްވާ އެންމެހައި ފަރާތްތަކުގެ މައްޗަށް، ކޯޓު ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަމްބަރާއި، (8)ވަނަ ނަމްބަރާއި އަދި 10 ވަނަ ނަމްބަރުގެ ދަށުން، މިއަމުރު ލިބޭތާ ތިން ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓުގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އަމުރު ކުރާ ކަމަށެވެ.
އަބްދުﷲ ގާޒީ އެމްއެންޑީއެފުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އެމްއެންޑީއެފުގެ މައްޗަށް ކުރި އަމުރު އެމްއެންޑީއެފުން މިއަދު ވަނީ ބަލައިގެންފަ އެވެ. ނަމަވެސް އަދި އެ އަމުރަށް ގައުމީ ދިފާއީ ބާރުން އަދި އަމަލްކޮށްފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ރޭ ހައްޔަރުކޮށްފައި އޭނާގެ އާއިލާއާއެކު، ގޭގައި އުޅުއްވަނިކޮށެވެ. އަދި އޭނާ ހައްޔަރު ކުރީ އެމްއެންޑީއެފްގެ ފަސް ވެހިކަލުގައި އައި އަސްކަރީ ފައުޖަކުންނެވެ.