ހޯރަފުށީ އެއާޕޯޓަށް ލަފާ ފުރޭނެ ގޮތަށް ޖެޓީއެއް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހޯރަފުށި އެއާޕޯޓަށް ވަކިން ލަފާ ފުރޭނެ ގޮތް ހަދައި ދިނުމަށް އެދި އެ އަތޮޅުގެ ދެ ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެކަމާއި ގުޅޭ ގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ މިނިސްޓަރު އަސްލަމްއާ ސުވާލު ކުރައްވައި އެކަން އޮތް ހިސާބެއް ސާފުކޮށްދިނުމަށް އެދިފަ އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. ނަމަވެސް ޖެޓީގެ މަސައްކަތް ފެށޭނެ އިރެއް އަދި އެހެން އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިމުމާ ގާތް ވެފައިވާއިރު އެތަނުން ދަތުރުކުރާ ފަރާތްތަކުން ޖެހޭނީ، ހޯރަފުށި މެދުވެރިކޮށް އެއާޕޯޓަށް އަރާށެވެ. އެކަމުގެ ސަބަބުން ހޯރަފުށި ނޫން ދެން ހުރި ރަށްތަކުގެ މީހުނަށް އެކަން އިތުރު ތަކުލީފަކަށް ވާނެ ކަމަށް އެ ރަށްތަކުގެ މީހުން ބުނެ އެވެ،

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.

އެ އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނޯ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތެވެ.