05 Oct 2020, 08:20
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ހެނދުނު ހެނދުނާއި ތެދުވެ އަވަސްވެގަންނަނީ ގޭތެރެ ހަމައަކަށް އަޅުވާ އަވަަހަށް ސްކޫލަށް ތައްޔާރުވުމަށެވެ. ތަފާތަކީ މިހާރު ސްކޫލަން ދާން ނުޖެހޭކަމެވެ. އެކުވެރި އެހެން ޓީޗަރުންނާއި، ލޯބިވާ ދަރިވަރުންނާއި މިހާރު ބައްދަލު ނުވެވޭ ކަމެވެ. އެ އުފާވެރި މާހައުލު މިއަދު ބަދަލުވެފައިވަނީ ޑިޖިޓަލް ދުނިޔެއަކަށެވެ. ޓީޗަރުންނަށް މިއީ މުޅީން އާ "ޗެލެންޖެކެވެ." އެހެންނަމަވެސް ކާމިޔާބު ވެއްޖެ އެވެ.
ރިޝްފާ ހަސަން އަކީ އިސްކަންދަރު ސްކޫލްގެ ގްރޭޑް ހަޔަކަށް ހިސާބު ކިޔަވައިދެއްވަމުންދާ ޓީޗަރެކެވެ. އޭނާ ވިދާޅުވާގޮތުގައި ލޮކްޑައުންއާއި އެކު ޓީޗަރުންގެ ރޯލް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
"ފުރަތަމަ ހޭލައިގެން އެހެންޏާމު ދާނީ ސްކޫލަށް. އެކަމަކު މިހާރު ވާގޮތަކީ ހަމަ ސްކޫލަށް ދިއުމުގެ ބަދަލުގައި ހޭލާގޮތަށް މިޖެހެނީ ކުދިންގެ ވޯކްތައް އެސައިން ކުރަން. އޭގެ މާކުރިން ހުންނާނީ ފިލާވަޅުތައް ތައްޔާރުކޮށްފައި. ދެން މި ތައްޔާރުވަނީ ކުދިންނަށް މީޓް ގަޑި ނަގަން." ރިޝްފާ އޭނާގެ މަސައްކަތް ކުރިއަށްދާގޮތް ވިދާޅުވި އެވެ.
މާލޭގެ ސްކޫލްތަކަށް ކިޔަވައިދިނުން އިންތިޒާމްވެފައި އޮންނަ ގޮތަށް ބަލާއިރު މިހާރު ކިޔަވައިދެމުންދަނީ ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ސްކޫލަށް ގޮސްގެންނެވެ. ނަމަވެސް އެއަށްވުރެ ދަށް ގްރޭޑްތަކުގައި އަދިވެސް ކިޔަވައިދެމުންދަނީ ގޫގުލް ކްލާސްރޫމާއި ގޫގުލް މީޓް ބޭނުންކޮށްގެންނެވެ.
ރިޝްފާ ވިދާޅުވި ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ކުދިންނަށް ހަމައެކަނި ފިލާވަޅެއް ނަގައިދީ، މަސައްކަތެއް ހަވާލުކުރުމުގެ އިތުރަށް މި ގަޑިތަކަކީ ކުދިން ކިޔެވުމަށް ޝައުގުވެރިކޮށްދީ އަދި އުފާވެރި މާހައުލެއްގައި ހޭދަކުރެވޭނެ ވަގުތުތަކަކަށް ހެދުމަކީ ޓީޗަރުންގެ އެންމެ ބޮޑު އަމާޒެވެ.
އެހެންކަމުން ގިނަފަހަރު ފިލާވަޅުތަކާއި އެކު ކުދިންނަށް ބައިވެރިވެވޭނެ އަދި އޮންލައިންކޮށް ބައްދަލުވެގެން ތިބެ ކުޅެވޭނެ ގޭމްތަކެއްވެސް ތައްޔާރުކުރަންޖެހެއެވެ. އަދި މިއީ ފިލާވަޅުތަކާއި އެކު ކުދިން އެންމެ "ލުކް ފޯވަޑް" ކުރާ އެއް ހަރަކާތްވެސް މެއެވެ.

ރިޝްފާ ހަސަން އޮންލައިން ކްލާސްތައް ނަންގަވައިދެއްވަނީ --
ހަމައެޔާއެކު ހިސާބު ފަދަ މާއްދާއެއް ކުދިންނަށް ކިޔަވައިދޭއިރު ފިލާވަޅުތައް ނަގައިދިނުމާއި އެކު، ކުދިންނަށް ދޭހަވީ މިންވަރާއި، ޖަވާބުދޭން އެނގޭތޯ ޔަގީންކުރުމަކީވެސް ކޮންމެހެން ޓީޗަރު ޔަގީން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން 'ޕިއާ ޑެކް' ފަދަ އިތުރު ވަސީލަތްތައް ބޭނުންކޮށްގެންވެސް ކުދިންގެ ފެންވަރު ދެނެގަތުމުގެ މަސައްކަތް ކުރާ ކަމަށް ރިޝްފާ ބުންޏެވެ.
މި މަސައްކަތް ފެށިއިރު، ގިނަ ޓީޗަރުންނަކީ އޮންލައިން ޓޫލްސްތަކަށް އެހާ އަހުލުވެރި ބައެއް ނޫނެވެ. ރިޝްފާ ވިދާޅުވި ގޮތުގައި ހުދު އޭނާއަށްވެސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމުގައި މި ދަތިތައް ހުއްޓެވެ. ނަމަވެސް ގޫގުލް ސެޓްފިކެޓް ޓްރެއިނިން ހެދުމާއި އެކު އޮންލައިން ވަސީލަތްތަކަށް ވަރަށް ބޮޑަށް ލޯ ހުޅުވި، މަސައްކަތް ފަސޭހަވެގެން ދިޔަކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19 މާލެއަށް ފެތުރި، ސްކޫލްތައް ބަންދުކުރުމަށްފަހު އޮންލައިން ކޮށް ކިޔަވައިދެނީ ހަފްތާގެ ހަތަރު ދުވަހު އެވެ. އަދި ބުރާސްފަތި ދުވަސް ހާޢްސަކޮށްފައިވަނީ ޓީޗަރުން ގަޑިތަކަށް ތާއްޔާރުވާ ދުވަހުގެ ގޮތުގައެވެ.
ކިތަންމެ ގިނަ ދަތި އުނދަގޫތަކާއި އެކުގައިނަމަވެސް ފެށި މި މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ކަމުގައި ރިޝްފާ ފާހަގަކުރިއެވެ.
"ފުރަތަމަ ވާގޮތަކީ ބެލެނިވެރިންވެސް އެހާ އަހުލުވެރިއެއް ނޫން. މިއީ ކިހިނެއް ކިހިނެއް ވާކަމެއްކަން ހަމަ ނޭގިފައި ތިބީ. އެކަމަކު ސްކޫލުންވެސް ވަރަށް ގިނަ ވީޑީއޯއާއި، ޕްރެޒެންޓޭޝަނާއި މީޓީންތައް ބާޢްވައިގެން މިހާރު އިރާދަކުރެއްވިއްޔާ ވަރަށް އަހުލުވެރި. ކުދިންގެ ބައިވެރިވުންވެސް ވަރަށް ލިބޭ" ރިޝްފާ ބުންޏެވެ.
ޓީޗަރުންގެ ދުވަހަކީ ރާއްޖޭގެ އެކި ސްކޫލްތަކުގައި ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެހެންނަމަވެސް ކޮވިޑްގެ މި ހާލަތުގައި ކުރެވެނީ މުޅީން ތަފާތު އިހުސާސްތަކެއް ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އަހަރުގެ ކުރީކޮޅު، އެންމެ ރަނގަޅަށް ކުދިން ނުވެސް އެނގެނީސް ލޮކްޑައުންވިކަން ފާހަގަަކޮށް ރިޝްފާ އަދިވެސް އެންމެ ބޭނުންވަނީ ކުދިންނާއި ބައްދަލުވެ ވަގުތު ހޭދަކުރެވޭނެ ދުވަހެއް އައުން ކަމަށް ބުންޏެވެ.